19 Jan 2011, 21:36
އަހަރެމެންނަކީ މުސްލިމުންނެވެ. މުސްލިމުން ކަމަށްވާތީ، ދީނީ ވާޖިބުތަކަށް ދޭ ސަމާލުކަން އިތުރުކުރަން ޖެހެއެވެ. މި ކަމަށް ތިމާ ސަމާލުކަންދޭ އުސޫލުން، ތިމާގެ ދަރިންވެސް ސަމާލު ކުރުވާ، ލޯބި ޖައްސަން ހަމަ ކޮންމެ މަންމައަކާއި ބައްޕައަކުވެސް ބޭނުންވެ އެވެ. މިކަމަށްޓަކައި ގިނަ މަންމައިންނާއި، ބައްޕައިން، ދަރިފުޅުގެ ޅައުމުރުގައި ދީނީ ވާޖިބުތަކަށް ދަރިފުޅު ހާނަން މަސައްކަތް ފަށައެވެ. ޝަހާދަތުގެ ދެކަލިމަ ދަސްކޮށްދެ އެވެ. ނިދާ ގަޑީގައި ކިޔައިދީގެންނެވެ. ނަމާދުކުރަން އާދަކުރުވޭތޯ މަސައްކަތް ފަށައެވެ. އަންހެން ދަރިން މަންމައާއެކު ނަމާދަށް އަރުވައިގެންނެވެ. ފިރިހެން ދަރިން ބައްޕައާއެކު މަސްކިތަށް ގެންގޮސްގެންނެވެ. ކިތަންމެހައިވެސް ރަނގަޅު ކަމެކެވެ.
ހަކުރު އަޑުބައެއްގައި ވެސް ދެކޮޅު އޮވެޔޭ ބުނާތީ އަހަމެވެ. އެއީ އަޅަންފަށާ ކޮޅާއި، އަޅާ ނިމޭކޮޅު ކަމަށް ވެދާނެ އެވެ. އެހެންކަމަށްވާނަމަ، ހަމަ ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނާނެ އެވެ. ނުވަތަ ދެ ގޮތް އޮންނާނެ އެވެ. ރަނގަޅު ގޮތާއި ގޯސް ގޮތެވެ. އެ އުޞޫލުން ކުޑަކުދިން ގޮވައިގެން މިސްކިތަށް ނަމާދަށް ދިޔުމުގައި ވެސް، މިދެންނެވި ދެގޮތް އެބަ އޮތެވެ. މިކަން ކުރާ ފަރާތްތަކުން އެކަންކަމާމެދު ފިކުރު ކޮށްލުމަކީ މުހިއްމު ކަމެވެ.
ދާދި މިދާކަށް ދުވަހު ދިމާވި ކަމެކެވެ. އިޝާނަމާދުގެ ވަގުތެވެ. ޖަމާޢަތުގައި ބައިވެރިވުމުގެ ގަސްދުގައި، ހެންވޭރުގައި ހުރި މިސްކިތަކަށް އަރައިފީމެވެ. އޭރު އެއްރަކުޢަތް ކޮށް ނިމިއްޖެ އެވެ. ޖާގަ ލިބުނީ ފަސްވަނަ ސަފުންނެވެ. ނަމާދަށް ހުއްޓި ހަރަމްބަން އިރު، ކުރިއަށް އޮތް ސަފުގައި، އަޅުގަނޑާ ސީދާ ދިމާވާގޮތަށް ހުރީ، ގާތްގަނޑަކަށް ތިން ހަތަރު އަހަރުގެ ކުޑަ ސޮރެކެވެ. އެސޮރުވެސް ހުރީ "ހަރަމް ބަނދެގެން" ނެވެ. ވަށައިގެން ހިނގާ ހުރިހާކަމެއް ބަރާބަރަށް ބަލަ އެވެ. ދެފަރާތުގައި ތިބި ދެމީހުންގެ ގައިގައި އިރުއިރުކޮޅުން ޖެހިގަނެ އެވެ. ދެން ފެނުނީ ސަފު ދޫކޮށްލި ތަނެވެ. އެސޮރުގެ ވާތްފަރާތު ހުރި މީހާގެ ކުރިމައްޗަށް އެރިތަނެވެ. ގުދުވެ ކޮންމެވެސްކަމެއް ކުރާކަށް އެނގެއެވެ. ކުރިކަމެއް ކޮށްފައި އެސޮރުގެ ޖާގަޔާ ދިމާއަށް އައެވެ. ކަނާތް ފަރާތުގައި ހުރީ އެސޮރުގެ ބައްޕަ ކަމަށް ލަފާކުރެވެ އެވެ. އެސޮރު އަތް ފޯރާފަށަށް އައުމުން، އޭނާ ނަމާދަށް ހުރެފައި އެސޮރު ގެނެސް ސަފަށް އެރުވި އެވެ.
އިރުކޮޅަކުން ފެނުނީ، އެސޮރު ސަފުގައި އެހުރިގޮތަށް ހުރެ ތެޅެން ފެށިތަނެވެ. ހީވަނީ ހީކަރުވާފަ ހުރި މީހަކު ރޫރޫއަޅާހެންނެވެ. ވަނީ ކީއްކަމެއް ނޭނގެ އެވެ. ބޮޑަށް ލަފާކުރެވެނީ އެސޮރުގެ ސިޔާސަ ހަރަކާތްތަކުން ހަރަކާތެއް ކަމުގަ އެވެ. އެހެންނަމަވެސް ކަންވީ މުޅިއަކުން އެހެނެއް ނޫނެވެ. ތިރީހަކަށް ސިކުންތު ފަހުން ފެނުނީ، އެސޮރު ހުރި ދިމާއިން ކާޕެޓް ތެމެން ފެށިތަނެވެ. ލައިގެން ހުރި ޖިންސްވެސް ރޮނގަކަށް ފައިކުރިއާ ހަމައަށް ތެމިއްޖެ އެވެ. ފައިތިލައާއެކުގަ އެވެ. އެދިމާއަށް އިރުކޮޅަކު ބަލަން ހުރެފައި އެސޮރު ޖެހެލީ ފަހަތަށެވެ. އަޅުގަނޑު ސަޖިދަައަށް ދިޔުމުން ނިތްކުރި ޖެހޭހިސާބުވެސް ތެމުނީ އެވެ.
މިހާ ތަފުޞީލުކޮށް މިވާހަކަ ލިޔުމުން، އަޅުގަނޑުގެ ނަމާދާމެދުވެސް ބަޔަކު ޝައްކު އުފައްދަފާނެ ކަންނޭނގެ އެވެ. ކުރާނެކަމެއް ނެތެވެ. ނަމާދު ނިމިއްޖެ އެވެ. އެސޮރުގެ ބައްޕައަކަށް އެސޮރު "ތެތްވެފައި" ހުރިކަމެއް ނޭނގެ އެވެ. ދަރިފުޅު ގެނެސް އުނގުމަތީގައި ބައިންދައިގެން، ތަސްބީޙަކިޔުން މަތީގައި އިނެވެ. އަޅުގަނޑު ކުރިއަށް ޖެހިލުމަށްފަހު އޭނާގާތު އެވާހަކަ ބުނެފީމެވެ. އޭނާއަށް ލިބުނީ ސިހުމެކެވެ. ތެމިފައި ހުރިތަން ފެނިފައި އޭނާ ކަންބޮޑުވިކަން މޫނުމަތިން އެނގެ އެވެ. އަވަސް އަވަހަށް ތެދުވެގެންް ގޮސް މިސްކިތު މަސައްކަތު މީހަކު ގެނެސް އެތަންދެއްކުމަށްފަހު، ސާފުކުރަން ބުނެފައި، ދަރިފުޅު ގޮވައިގެން ހިނގައިގަތީ މިސްކިތުން ފައިބާށެވެ.
މިއީ، ކުޑަކުދިން ގޮވައިގެން މިސްކިތަށް ނަމާދަށް އަރާ މީހުން ވިސްނާލަން ޖެހޭ ކަމެކެވެ. ކޮންމެ މީހަކުވެސް މިސްކިތަށް މި އަރަނީ ﷲ އަށް ހިތް ޚަލާޞްކޮށްގެން، ވަރަށް މަތިވެރި އަޅުކަމެއް ކުރުމަށެވެ. ކުޑަކުދިންނަކަށް މިކަމެއް ނުވިސްނޭނެ އެވެ. އެހެންކަމުން އެކުދިންގެ ކިބައިން ގިނަ ފަހަރަށް ފެނިގެންދާނީ، ގޭގައިވެސް އެކުދިން އުޅޭ ސިޔާސަ އުޅުމެވެ. މިސްކިތާ ނުގުޅޭފަދަ މަންޒަރުތަކެވެ. އެހެންކަމުން ދަރިފުޅު މިސްކިތަށް ގެންދިޔުން ބުއްދިވެރީ، އެކުއްޖަކަށް ނަމާދަކީ ކިހާވަރެއްގެ ކަމެއްކަން ވިސްނޭވަރު ވުމުންނެވެ. އެހެންނޫނީ މިއަށްވުރެ ވެސް ދެރަކަމެއް ހިނގުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.