19:00


މިދިޔަ މާޗް މަހު މެކްސިކޯގައި ގެއްލިގެން ހޯދަމުންދިޔަ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖެއް، އޭނާ ނިދާ ކޮޓަރީގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.


ޕޯލެޓް ޖެބެރާ ހޯދާ ނުފެނުމާ ގުޅިގެން، އާއިލާއިން ވަނީ އޭނާ ހޯދުމަށް މެކްސިކޯގެ މަގުތަކުގައި ޕޯސްޓަރާއި އަދި ލީފްލެޓްތައް ބަހާ އާއްމުންގެ ގިނަ ބަޔެއްގެ ސަމާލުކަން މި މައްސަލައަށް ހޯދައިފަ އެވެ. އަދި އިންޓަރނެޓް ވެބްސައިޓުތަކުގައިވެސް ހަތަރު އަހަރުގެ ޕޯލެޓް ގެއްލުނު ވާހަކަ ވަނީ ވަރަށް ބޮޑަށް މަގްބޫލުވެގެން ގޮސްފަ އެވެ.


މެކްސިކޯގެ ފުލުހުން ބުނިގޮތުގައި، މިދިޔަ މާޗް މަހުގެ 22 ގައި ގެއްލުނު އެ އަންހެންކުއްޖާ ހޯދުމުގެ ތަހުގީގު ކުރިއަށް ދަނިކޮށް ކޮޓަރިން ތެރެއިން އޭނާގެ މަރުވެފައި އޮތް ހަށިގަނޑު ފެނުން ވެގެންދިޔައީ ވަރަށް ބޮޑު ސިހުމެއް ލިބުނު ކަމެއް ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ ކަޅު ކުލައިގެ ބޮޑު ޑަސްބިން ކޮތަޅެއްގެ ތެރެއަށް ލައި، އެނދުގެ ގޮދަޑިއާއި ފަޑިއާއި ދޭތެރެއަށްލާ ފޮރުވާފައި ކަމަށް ފުލުހުން ބުނެ އެވެ.


ޕޯލެޓް މަރުވެފައިވާ ކަމަށް ބެލެވެނީ ނޭވާ ހާސްވެގެން ކަމަށާއި، މި މައްސަލާގައި މިހާރު އޭނާގެ މަންމަ ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.


ޕޯލެޓްގެ ހަށިގަނޑު ކުރިން ހޯދިފައިނުވަނީ ކީއްވެގެންތޯ ފުލުހުންނާ މީޑިއާއިން ސުވާލުކުރުމުން ބުނެފައިވަނީ، އެ އަންހެން ކުއްޖާ ގެއްލުނު ކަމުގެ ރިޕޯޓު ލިބުމުން އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ ބޭރުގައި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ކޮޓަރި ތެރެއިން ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް ނޫން ކަމަށާއި، އޭނާ އަށް ވީގޮތުގެ ހެއްކެތް ލިބޭތޯ ކޮޓަތި ތެރެ ބަލަމުން ދަނިކޮށް ކަމަށްވެސް ފުލުހުން މައުލޫމާތު ދެ އެވެ.