ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރީގައި ކުޑަކުދިން ބައިވެރިކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ( އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމް އިން މިހެން ބުނީ ރާއްޖޭގައި ހުރި އިންސާނީ ހައްގުތަކާ ގުޅުން ހުރި މައްސަލަތައް ދެނެގަނެ، އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު( ޔޫއާރްޕީ) ރިޕޯޓްގަ އެވެ.

ހަށިވިއްކުމުގައި ކުޑަކުދިން ބައިވެރިކުރާ ކަމަށް އެރިޕޯޓްގައި ބުނެފައިވީ ނަމަވެސް އެކަމުގެ މާބޮޑު ތަފުސީލެއް ރިޕޯޓްގައި ހިމަނާފައެއް ނުވެއެވެ. އެގޮތުން އެފަދަ ކިތައް ހާދިސާ ހިނގާފައިވާ ކަމެއް އަދި ހަށިވިއްކުމުގައި ބައިވެރިކޮށްފައި ވަނީ ކޮން ޖިންސެއްގެ އަދި ކޮން އުމުރެއްގެ ކުދިންނެއް ކަމެއް ވެސް ބުނެފައެއް ނުވެއެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ ގަދަކަމުން މަސައްކަތް ކުރުވުމާއި ޖިންސީ ގޮތުން ގޯނާ ކުރުން ފަދަ ކަންތައްތައް އަތޮޅުތަކުން ކިޔެވުމަށް މާލެއަށް އަންނަ ކުދިން ހުށަހޮޅިފައިވާ ކަމެވެ. އެގޮތުން އެކުދިން މާލޭގައި ތިބޭ ގޭގޭގެ މީހުންގެ ފަރާތުން އެފަދަ ކަންތައްތައް ކުރިމަތިވުމުގެ ނުރައްކާ ކުދިންނަށް އޮންނަ ކަމަށް ބުނެފައި ވެއެވެ.

ހިއުމަން ޓްރެފިކިންގެ މައްސަލަ ރާއްޖޭގައި އޮތްކަން ބަޔާން ކުރުމަށް ރިޕޯޓްގައި ހާއްސަކޮށްފައިވާ ބައިގައި ދެން ބުނެފައި ވަނީ ރެކްރޫޓްކުރާ އެޖެންޓުންގެ އޮޅުވައިލުންތަކުގެ ތެރެއިން ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ބިދޭސީ މަސައްކަތްތެރިންގެ ނާޖާއިޒް ފައިދާ ނަގާ ކަމަށެވެ. އެގޮތުން ޕާސްޕޯޓްތައް އެމީހުންނަށް ކުރިމަތިކުރާ ކަންކަމުގެ ތެރޭގައި ޕާސްޕޯޓް ހިފެހެއްޓުމާއި މުސާރަނުދީ ހިފެހެއްޓުން ހިމެނޭ ކަަމަށް ވެސް ރިޕޯޓްގައި ވެއެވެ.

ރާއްޖޭގައި ހުރިކަމަށް އެޗްއާރްސީއެމް އިން ގަބޫލުކުރާ އިންސާނީ ހައްގުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ރިޕޯޓްގައި ހިމަނާފައިވެ އެވެ. އެގޮތުން އެންމެ ކުޑަ މުސާރަ ކަނޑައެޅުމާއި ވަޒީފާއެއް ނުލިބޭ ދުވަސްވަރު އެހީތެރިކަން ދިނުމުގެ ގާނޫނެއް ނެތްކަން ފާހަގަކޮށްފައިވެ އެވެ. އަދި ރާއްޖޭގައި ވަޒީފާ ނެތް މީހުން އިތުރުވަމުން ދިއުމާއި ރާއްޖޭގައި ގޭންގް މާރާމާރީ އާއި މީހުން މެރުން ފަދަ މައްސަލަތައް އިތުރުން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ގެވެށި އަނިޔާއާ ބެހޭ ގާނޫނު ރަނގަޅަށް ތަންފީޒު ނުކުރެވޭތީ އަންހެނުންގެ ހައްގުތައް ނުލިބޭ މައްސަލަ ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އެޗްއާރްސީއެމް އިން ބުނީ ޔޫޕީއާރް ރިޕޯޓްގެ މައިގަނޑު މަގުސަދަކީ އދ.ގެ މެމްބަރު ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކުރުމާއި ހައްގުތައް ގެއްލިފައިވާ މިންވަރު ދެނެގަތުމާއި އެފަދަ އަމަލުތައް ހުއްޓުވުމަށް ގައުމުތަކަށް ބާރު އެޅުން ކަމަށެވެ. އަދި އެރިޕޯޓް ރާއްޖެ އިން މި އަހަރު ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ 15 ސެޕްޓެމްބަރު (އިއްޔެ) ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ ގޮތުން ދައުލަތުން ހުށަހަޅަން ޖެހޭ ރިޕޯޓް ހުށަހެޅުމުގެ ފަހު ތާރީހަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހެވެ. ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން އެރިޕޯޓްތަކާއި ޓްރީޓީ ބޮޑީސްގެ ރިޕޯޓްތައް ބެލުމަށް ފަހު ރާއްޖޭގެ ދައުލަތް ރިވިއުކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ޔޫޕީއާރްގެ 22 ވަނަ ސެޝަނުގަ އެވެ.