މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ހިންގާ ކޮމެޓީ ހޮވުމަށް ބާއްވާ އިންތިހާބު ފަސްކޮށްފި އެވެ.

ކުރިން އެއިންތިހާބު ބޭއްވުމަށް ނިންމީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

އެމްޖޭއޭގެ ނައިބް ރައީސް އަލީ ޝައްމާން މިއަދު ސަން އަށް ވިދާޅުވީ އިންތިހާބު ލަސްކުރީ ނޫސްވެރިންގެ އެ ޖަމިއްޔާ އަށް ވަނުމަށް 240 ފޯމް އަލަށް ހުށައަޅާފައިވާ އިރު އެފޯމްތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް އެ ޖަމިއްޔާ އަށް ހުށައަޅާފައިވުމުން އެ ޝަކުވާތައް ބަލައި އިންތިހާބު ބޭއްވުމަށް ޓަކައި ކަމަށެވެ.

"ވަރަށް ގިނަ ޝަކުވާ އެބަހުރި ހުށައަޅާފައި، ހިންގާ ކޮމެޓީ އިން އެހެންވެ މި ނިންމީ އިންތިހާބު ފަސް ކުރުމަށް. އެޝަކުވާތައް އެންމެ ލަސްވެގެން އަންނަ މަހުގެ 20ގެ ކުރިން ބަލަައި ނިންމުމަށް ނިންމާފައިވަނީ،" ޝައްމާން ވިދާޅުވި އެވެ.

އަލަށް އެ ޖަމިއްޔާ އަށް ވަމުންނަށް 240 އެއްހާ ނޫސްވެރިން ފޯމް ހުށައަޅާފައި ވާތީ ބައެއް މީޑިއާތަކުން ވަނީ އެޝަކުވާ އެމްޖޭއޭ އަށް ހުށައަޅާފަ އެވެ.

ނޫސްވެރިންގެ ހައްގުގައި ރާއްޖޭގައި މަަސައްކަތްކުރާ ހަމައެކަނި އަމިއްލަ ޖަމިއްޔާގެ އިންތިހާބު ތިން ފަހަރެއްގެ މަތިން ބާވަން އުޅެ މީގެ ކުރިން ވަނީ ބޭއްވޭ ގޮތް ނުވެފަ އެވެ.