16 Sep 2014, 10:29
މާލެއިން ހުޅުމާލެއަށް ދަތުރުކުރި ފެރީއަކުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲއާ ވާހަކަ ދެއްކި ކަމުގެ މައުލޫމާތު އަމިއްލަ ފަރާތަކުން ފުލުހުންނަށް ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 12:00ގެ ފަހުން މާލެއިން ހުޅުމާލެ އަށް ދަތުރުކުރި ފެރީއަކުން ރިޟުވާން ފެނި އޭނައާ ވާހަކަ ދެއްކި ކަމަށް އަމިއްލަ ފަރާތަކުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ. ނަމަވެސް ރިޟުވާން ހުޅުމާލެ އިން އެއްވެސް މީހަކަށް ފެނި އެއްވެސް މީހަކާ މުއާމަލާތް ކުރިކަން ކަށަވަރުކުރެވިފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ ރިޟުވާން ގެއްލުނު ރޭ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓު ކައިރިން ރަތްކާރަކަށް މީހަކު އެރުވި ހާދިސާއާއި އޭނާ ގެއްލުނު ހާދިސާއާ ގުޅުން ހުރި ކަމުގެ ސާބިތުހެއްކެއް މިހާތަނަށް ތަހުގީގަށް ލިބިފައިނުވާ ކަމަށެވެ.
"އަޙްމަދު ރިޟްވާން ޢަބްދުﷲ ވީނުވީތަނެއް ނޭނގި ގެއްލުނު ޙާދިސާ އާއި 2014 އޮގަސްޓް 7 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި އޭނާ ދިރިއުޅުނު ފްލެޓް ސަރަޙައްދުގައި ހިނގައިދިޔަ ޙާދިސާއާ ގުޅުންހުރިކަމުގެ ސާބިތު އެއްވެސް ހެއްކެއް މިހާތަނަށް ފުލުހުންގެ ތަޙުޤީޤަށް ލިބިފައެއް ނުވެ އެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުޅުމާލޭގައި ހުރި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެއްގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާއި ރިޟުވާން ގެއްލުނު ހާދިސާއާ ގުޅުމެއް ނެތްކަން މިހާތަނަށް ތަހުގީގަށް ލިބުނު މައުލޫމާތުތަކުން އެނގިފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލްގެ ސީސީޓީވީ ފުޓޭޖުން ރިޟުވާންގެ ހަރަކާތްތައް ފެންނަ އިރު، އެ ވީޑިއޯގައި ހަރަކާތްތެރިވާ ބައެއް މީހުން ފުލުސް އޮފީހަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ ރިޟުވާން ހޯދުމަށް މިހާތަނަށް 79 ތަނަކުން 157 ކެމެރާއިން 1235 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް އެއްކޮށް އެތަކެތި ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ފުޓޭޖުތަކުން ކަށަވަރުވާ ގޮތުގައި އެންމެ ފަހުން އޭނާ ފެނިފައި ވަނީ ހުޅުމާލޭ ފެރީ ޓާރމިނަލްއިން މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 12:45 އެހައިކަންހާއިރު މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިލަނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރިޟުވާން ހޯދުމަށް ހުޅުމާލޭ ކައިރި ސަރަހައްދުތަކުގެ 521 މިނިޓްގެ ޑައިވް ކުރެވިފައިވާ ކަމަށާއި އެޑައިވްތަކާއި ފީނުންތަކުގައި ޖުމްލަ 267197.5 އަކަމީޓަރުގެ މޫދުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 84 އުޅަނދެއް މިހާތަނަށް ބަލައި ފާސްކޮށްފައިވާ އިރު މިހާތަނަށް މާލެއިން ނުވަ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ހުޅުމާލޭގެ ގޭގެއާއި ގުދަންތަކާއި ގަރާޖްތައް ހިމެނޭ ގޮތުން 139 އަށް ވުރެ ގިނަ ތަން ބަލައި ފާސްކޮށްފައިވާއިރު ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކާއި ގެތައް މިހާރު ވެސް ބަލައި ފާސްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރިޟުވާން ހޯދުމަށް ކުރާ ތަހުގީގުގައި މިހާތަނަށް 128 މީހުންނާ ސުވާލުކޮށް ބަޔާން ނަގާފައިވާ އިރު 387 މީހަކާ ސުވާލުކޮށް މައުލޫމާތު ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ހުޅުމާލޭގައި މީހުން ދިރިއުޅޭ 77 އެޕާޓްމަންޓަކުން 192 މީހުންނާ ސުވާލުކުރެވި މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލާއި ހުޅުމާލޭއަށް ދަތުރުކުރި ފެރީއާއި ހުޅުމާލޭގެ ފެރީޓާމިނަލް އަދި ހުޅުމާލޭގެ އެއްވެސް ތަނަކުން ރިޟުވާން ފެނިފައިވާ ފަރާތެއްވާ ނަމަ އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
"މިމައްސަލައާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 3322111 ނުވަތަ 119 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅުއްވައި އެފަދަ މަޢުލޫމާތު ޙިއްސާކުރެއްވުން އެދެމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.