16 Sep 2014, 10:02
ޕެރިސް (ސެޕްޓެމްބަރ 16) : އައިއެސް ޖަމާއަތާ ދެކޮޅަށް ބިންމަތީގައި ހަނގުރާމަ ކުރަމުންގެންދާނީ އިރާގު ސިފައިންނާއި އިރާގުގެ ކުރުދީ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ބިޝްމަރުގާ ގުޅިގެން ކަމަށާ މިކަމަށް ޓަކައި ބޭރުގެ ސިފައިން އިރާގަށް ގެންދިޔުމުގެ ރޭވުމެއް ނެތް ކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު އިބްރާހީމް އަލްޖަޢްފަރީ ވިދާޅުވެއްޖެ އެވެ.
އިރާގުގެ ޚާރިޖީ ވަޒީރު އިބްރާހީމް އަލްޖަޢްފަރީ ވިދާޅުވީ އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައި ބޭރު ގައުމެއްގެ ސިފައިން އިރާގަށް ނާރާނެ ކަމަށާއި އިރާގު ސިފައިންނަށާއި ކުރުދީ ހަނގުރާމަވެރިންނަށް އައިއެސް ބަލިކުރެވޭނެ ކަމުގަ އެވެ. އައިއެސްއާ ދެކޮޅަށް ބޭރުގައުމުތަކުން އިރާގަށް ފޯރުކޮށްދޭނީ ވައިގެ ހަމަލާތަކާއި ހަތިޔާރާއި އެހެނިހެން އަސްކަރީ ވަސީލަތްތަކުގެ އިތުރުން އިންސާނީ އެހީތައް އެކަނި ކަމަށް ވެސް ޖަޢްފަރީ ވިދާޅުވި އެވެ. އައިއެސްއާ ދެކޮޅަށް އެއްގަމު މަގުން އިރާގު ކުރަމުންގެންދާ ހަނގުރާމައަށް އަސްކަރީ ގޮތުން އެއްބާރުލުން ދިނުމަށާއި މިހަނގުރާމައިގެ ސަބަބުން ޙާލުގައިޖެހޭ އިރާގު ރައްޔިތުންނަށް އިންސާނީ އެހީފޯރުކޮށްދިނުމާ ބެހޭ ގޮތުން ޕެރިހުގައި އިއްޔެ ބޭއްވި ބައިނަލްއަގްވާމީ މަހާސިންތާގައި 30 ގައުމަކުން ބައިވެރިވެފައިވެ އެވެ.
އެއްގަމު މަގުން އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރާ އިރާގު ސިފައިންނާއި ކުރުދީންގެ ބިޝްމަރުގާ ހަނގުރާމަވެރިންނަށް އެހީތެރިވުމަށް ޓަކައި ވައިގެ މަގުން އައިއެސްގެ އަމާޒުތަކަށް ޙަމަލާތައް ދިނުމަށް އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކާ އަދި އަރަބި ބައެއް ގައުމުތަކުން ވައުދުވެފައިވާ އިރު އަނެއްބައި ގައުމުތަކުން ވަނީ މިހަނގުރާމައިގެ ސަބަބުން ޙާލުގައިޖެހޭ އިރާގު ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީފޯރުކޮށްދިނުމަށް ވައުދުވެފަ އެވެ.
ޢިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް އާ ދެކޮޅަށް ޕެރިހުގައި ބޭއްވި ބައިނަލްއަގްވާމީ މަހާސިންތާގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވެސް ވަނީ އައިއެސްއާ ދެކޮޅަށް އެއްގަމުމަގުން ހަނގުރާމަކުރުމަށް ޓަކައި އެމެރިކާގެ ސިފައިން އިރާގަށް ނުފޮނުވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި އެމެރިކާއާއި އެމެރިކާއިސްވެ އޮވެގެން އައިއެސްއާ ދެކޮޅަށް އެކުލަވާލާ އިއްތިޙާދުން މަސައްކަތް ކުރާނީ އައިއެސްގެ އަމާޒުތަކަށް ވައިގެމަގުން ހަމަލާދިނުމަށާއި އިރާގަށް ހަތިޔާރު ފޯރުކޮށްދީ ޖާސޫސީ މައްލޫމާތުތައް ފޯރުކޮށްދިނުމުގެ އިތުރުން އިންސާނީ އެހީ ފޯރުކޮށްދިނުމަށްކަން އެމެރިކާގެ ޚާރިޖީ ވަޒީރު ވެސްވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
މީގެ އިތުރުން ޕެރިސްގެ މަހާސިންތާ އިން ވަނީ އައިއެސް އާ ގުޅުމަށް އެކިގައުމުތަކުން ދާ ހަނގުރާމަވެރިން ހުއްޓުވުމަށާއި އެޖަމާއަތަށް ފައިސާލިބޭ ދޮރުތައް ބަންދުކުރުމުގައި އެހީތެރިވުމަށް ވެސް ނިންމާފައެވެ. ޕެރިހުގެ މަހާސިންތާގައި ބައިވެރިވި ގައުމުތަކުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި މިކަންކަން ހިމެނޭކަން އެމެރިކާގެ ޚާރިޖީ ވަޒީރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
ޕެރިހުގައި އިއްޔެ ނިމުނު އައިއެސްއާ އިދިކޮޅު މަހާސިންތާއިން ނެރުނު ގުޅިފައިވާ ބަޔާނުގައި އައިއެސްގެ ނުރައްކާއޮތީ އިރާގާއި ސޫރިޔާއަށް އެކަނި ނޫންކަމަށާ އައިއެސް ޖަމާއަތަކީ މުޅި ދުނިޔެއަށްއޮތް ނުރައްކަލެއް ކަމަށް ސިފަކޮށްފައިވެ އެވެ. ނަމަވެސް އައިއެސްއަކީ ދުނިޔޭގެ އަމްނާއި ސުލްހަ ނަގާލައި ދުނިޔޭގެ ބޮޑު ހަނގުރާމައެއް ކުރެވޭ ފަދަ އަސްކަރީ ބާރެއްނޫންކަމަށް އެޖަމާއަތުގެ ހަރަކާތްތައް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
އަޑިނޭންގޭ ޖަމާއަތެއް ކަމަށްވާ އައިއެސްގެ ހަނގުރާމަވެރިންގެ ގޮތުގައި 40 ހާސް މީހުން އެބަތިބި ކަމަށާއި އިރާގުގެ ބޭންކްތައް ހިފުމާގުޅިގެން އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ނަގުދު ފައިސާ އެޖަމާއަތުގެ އަތްދަށުގައިވާ ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. އައިއެސްގެ އިސްކޮމާންޑަރުންގެ ގޮތުގައި ހިމެނެނީ ސައްދާމް ހުސައިންގެ ދުވަސްވަރުގައި އޮތް އިރާގުގެ ޖުމްހޫރީ ލަޝްކަރުތަކުގެ ތަޖްރިބާކާރު ހަނގުރާމަވެރިން ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)