ލަންޑަން (ސެޕްޓެމްބަރ 16) : އިނގިރޭސިވިލާތުގެ ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމާބެހޭ ގޮތުން އަންނަ ބުރާސްފަތި ދުވަހު ނެގުމަށް ހަމަޖެހިފައިވާ ވޯޓުގައި އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމަށް ވޯޓު ނުދިނުމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ސްކޮޓްލެންޑްގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފި އެވެ.

ދެހަފްތާ ތެރޭގައި ސްކޮޓްލެންޑަށް ކުރައްވާ ދެވަނަ ދަތުރުފުޅުގައި އެސަރަހައްދުގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ކެމެރޮން ވިދާޅުވީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމަށް ތާއީދުކޮށް ވޯޓު ދީފި ނަމަ އިނގިރޭސި ރަސްކަމުގެ އިއްތިޙާދު ރޫޅި އިނގިރޭސިވިލާތް ނިކަމެތިވެ ބަލިކަށިވެގެން ދިޔުމުގެ އިތުރުން ސްކޮޓްލެންޑް ވެސް ބަލިކަށިވެ ނިކަމެތިވެގެންދާނެ ކަމުގަ އެވެ.

ސްކޮޓްލޭންޑްގެ މިނިވަންކަމާ ބެހޭ ގޮތުން އަންނަ ބުރާސްފަތި ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގައި އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމަށް ވޯޓު ނުދިނުމަށް މީގެ ކުރިން ވެސް ކެމެރޮން ވަނީ ސްކޮޓްލެންޑްގެ ރައްޔިތުންނަށް އާދޭސް ދަންނަވާފަ އެވެ. ކެމެރޮންގެ އިތުރުން އިނގިރޭސި ރާނީ އެލިޒަބަތް (ދެވަނަ) އާއި އެގައުގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެސް ވަނީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމަށް ތާއީދު ނުކުރުމަށް އެދި އެ ސަރަހައްދުގެ ރައްޔިތުންނަށް އާދޭސް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.
އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމަށް ތާއީދުކޮށް ގިނަ ބަޔަކު ވޯޓު ދީފި ނަމަ އިނގިރޭސި ރަސްކަމުގެ އިއްތިޙާދު ރޫޅި ވިލާތުގެ ބައްރުގައި އިނގިރޭސިވިލާތުގެ ބުރަދަން އިޓަލީވިލާތަށް ވުރެ ވެސް ދަށަށް ގޮސް ވިލާތުގެ ބައްރުގެ ހަތަރުވަނަ ގައުމުގެ ދަރަޖަ އަށް އިނގިރޭސިވިލާތް ވެއްޓިގެންދާނެ ކަމަށް ރިޕޯޓްތައްބުނެ އެވެ. ފަސް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްކޮޓްލޭންޑް އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ވަކިވުމަށް އެ ސަރަހައްދުގެ ރައްޔިތުން ވޯޓު ދީފި ނަމަ ދުނިޔޭގެ ބޮޑު ފަސްބާރުގެ ތެރެއިން އެއްބާރުގެ ގޮތުގައި އޮތުމުގެ ފުރްސަތު ވެސް އިނގިރޭސިވިލާތަށް ގެއްލިގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ސަބަބަކީ ދުނިޔޭގެ ބޮޑު ބާރަކަށް ވާވަރަށް ވުރެ އިގްތިސާދީ ގޮތުންނާއި އާބާދީގެ ގޮތުންނާ އަދި އަސްކަރީ ގޮތުން އިނގިރޭސި ރަސްކަމުގެ އިއްތިޙާދު ބަލިކަށިވެގެންދާނެތީ އެވެ.

އެމެރިކާއިން ވެސް ވަނީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުން ސްކޮޓްލެންޑް ވަކިވުމަކީ ކަންބޮޑުވާކަމެއްކަން ހާމަކޮށްފަ އެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ބުނެފައި ވަނީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދު ބަލިކަށިވެގެން ދާފަދަ ގޮތަކަށް ވޯޓުނުދިނުމުގެ ހޭލުންތެރިކަން ސްކޮޓްލެންޑްގެ ރައްޔިތުންގެ ކިބާގައި ހުންނާނެ ކަމަށް އުންމީދުކުރާ ކަމުގަ އެވެ.
ސްކޮޓްލެންޑްގެ މިނިވަން ކަމަށް ތާއީދުކުރާ ލީޑަރުން ވަނީ މިނިވަންކަމުގެ ވޯޓަށް ނުފޫޒުފޯރުވުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު އިނގިރޭސި ބައެއް މަސްއޫލުވެރިންގެ މައްޗަށް ކުރައްވާފަ އެވެ. އަދި އެއްވެސް ނުފޫޒެއް ފިއްތުމެއް ނެތި މިނިވަންކަމުގެ ވޯޓު ކުރިޔަށްގެންދެވޭނެ މާހައުލެއް ފަހިވާން ޖެހޭ ކަމަށް މިނިވަން ކަމަށް ތާއީދުކުރާ ލީޑަރުންވިދާޅުވެ އެވެ. (ރޮއިޓާސް)