16 Sep 2014, 01:05
ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލުގައި އިމާރާތް ކޮށްފައިވާ ތިންބުރީގެ އިމާރާތުގައި ހަ އަހަރު ފަހުން ބެޑްލިފްޓު ބެހެއްޓުމަށް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ބެޑްލިފްޓު ބެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރުއެންސީ އިލެވޭޓާސް ޕްރައިވެޓް ލިމިޓެޑާ އެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ޕްރޮޖެކްޓްގެ އަގަކީ 1،457،500 ރުފިޔާ ކަމަށެވެ.
މިނިސްޓްރީން ބުނީ އެގްރިމެންޓްގައި ސޮއި ކުރާ ތާރީޚުން ފެށިގެން 120 ދުވަސް ތެރޭ މަސައްކަތް ނިންމަން ޖެހޭނެ ކަމަށެވެ.
ދިއްދޫ އަތޮޅު ހޮސްޕިޓަލުގައި އިމާރާތް ކޮށްފައިވާ ތިން ބުރީގެ އިމާރާތުގެ ފުރަތަމަ ބުރި ހާއްސަކޮށްފައި ވަނީ ހޮސްޕިޓަލުގެ ހުރިހާ ވޯޑުތަކަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނީ ހަތް އެނދުގެ ދެ ވޯޑާއި ފަސް އެނދުގެ އެއް ވޯޑާއި ޓްރީޓްމަންޓް ރޫމެއްގެ އިތުރުން ނާސް ސްޓޭޝަނެއް ހިމެނޭ ކަމަށެވެ. ނަމަވެސް އިމާރާތުގައި ލިފްޓު ބަހައްޓާފައި ނެތުމުގެ ސަބަބުން އެ ވޯޑުތަކުގެ ބޭނުން ނުކުރެވި ހުންނަތާ ހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ ސިއްހީ ހިދުމަތް ދިނުމަށް ތައްޔާރު ކޮށްފައިވާ އިމަރާތްތަކުގެ އާބާތުރަ ފިލުވައި ގެންނަން ޖެހޭ ބަދަލުތައް ގެނެސް ވީހާ ވެސް ފަސޭހަކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދައިރާގެ މެމްބަރު އަބުދުއްލަތީފު މުހައްމަދު ވިދާޅުވީ ލިފްޓު ބެހެއްޓުމުގެ އިންތިޒާރުގައި ރައްޔިތުން ތިބޭތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށާއި މިއަދު ވި އެއްބަސްވުމުގެ ދަށުން އެކަން ނިމުމަކަށް ގެނެވުނީ ކަމަށެވެ.