އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ ފިރިހެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވީ ނަމަވެސް އެ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާދޭތެރޭގައި ހިތްހަމަ ޖެހޭކަމަށް ރާއްޖޭ ޓީމުގެ ކޯޗު ޑްރަގޯ މަމިޗް ބުނެފި އެވެ.

ކޮރެއާގެ އިންޗިއޮންގައި މިހާރު ކުރިއަށްދާ 17 ވަނަ އޭޝިއަން ގޭމްސްގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ތައިލެންޑާ ވާދަކޮށް ރާއްޖެ ބަލިވީ، 2-0 ލަނޑުންނެވެ. މި މެޗުގައި ދެލަނޑުވެސް ފެނިގެން ދިޔައީ މެޗުގެ ފަހުހާފުގައެވެ.

"އަހަރެން ހަމަ ހަގީގަތުގައިވެސް ކުޅުންތެރީންގެ ޕާފޮމަންސާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އެ ކުޅުންތެރީން ގާތު އަހަރެން ބުނި ކަންތައް ކުރި، އަދި މެޗުގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކި،" މަމިޗް ބުންޏެވެ.

މިއަދުގެ މެޗުގައި ތައިލޭންޑުން ރާއްޖޭ ކޮޅަށް ޖެހި ދެވަނަ ލަނޑު ގޯލަށް ވަނުމުގައި ގޯލް ކީޕަރުގެ ކުޑަ މައްސަލައެއް އުޅުނުކަމުގައިވީ ނަމަވެސް، ރާއްޖޭގެ ގޯލް ބެލެހެއްޓި މުޙައްމަދު ޖަޒްލާންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

"ދެވަނަ ގޯލް ވަނުމުގައި ގޯހެއް ހެދުނު ކަމުގައިވީ ނަމަވެސް، ކީޕަރު ވަނީ މުޅި މެޗުގައި ވެސް ވަރަށް މޮޅަށް ކުޅެ ރަނގަޅު ސޭވްތަކެއް ހަދާފައި،" ގައުމީ ޓީމުގެ ކޯޗު ބުންޏެވެ.

ކޯޗު ބުނީ، ރާއްޖޭ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރީންނަކީ، ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ތަޖްރިބާ ލިބިފައި ނެތް ކުޅުންތެރިންނަށް ވުމުން، ރާއްޖެއަކީ މި މުބާރާތުގެ ފޭވަރިޓުން ނޫންކަމަށް ބުނެވިދާނެ ކަމަށެވެ.

" މިފަދަ މުބާރާތަކުން އެ ކުޅުންތެރިންނަށް ތަޖުރިބާތަކެއް ލިބިގެންދާނެ،" މުބާރާތުގައި ވަނަތަކެއް ހޯދުމަށް ވުރެ ކުޅުންތެރީންނަށް އިތުރު ތަޖުރިބާތަކެއް ލިބިގެންދާނެ ކަން ފާހަގަކުރަމުން ކޯޗު މަމިޗު ބުންޏެވެ.

މިއަދު ރާއްޖެ ވާދަކުރި، ތައިލެންޑު ޓީމަކީ ވަރުގަދަ ޓީމެއްކަން ފާހަގަކުރަމުން ކޯޗު މަމިޗް ބުނީ، މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ތައިލެންޑް ޓީމު ވަނީ، އެކުވެރި ކަމުގެ މެޗުތަކެއް ކުޅެފައި ކަމަށެވެ. އެގޮތުން އެ ޓީމުވަނީ މިޔަންމާ އަތުން 8-1 ލަނޑުން އަދި ގަތަރު އަތުން 2-0 ލަނޑުން މޮޅުވެފައެވެ.

ގްރޫޕް ސްޓޭޖްގައި ރާއްޖޭ ވާދަކުރާ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ އިންޑޮނީޝިއާއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި މިމަހުގެ 22 ވަނަ ދުވަހު ރާއްޖެ ވާދަކުރާނީ އީސްޓް ޓީމޯއާއެވެ.