15 Sep 2014, 23:06
ރާއްޖޭގެ ހޮސްޕިޓާތަކާއި ސިއްހީ ހިދުމަތްދޭ އެހެނިހެން ތަންތަނަށް ބޭނުންވާ ބޭހާއި އެނޫންވެސް އެފަދަ ސާމާނު ފޯރުކޮށްދިނުމަށް އދ. ގެ އޮފީސް ފޯ ޕްރޮޖެކްޓް ސާވިސަސް (ޔުނޮޕްސް)އާއެކު ހަދާފައިވާ އެއްބަސްވުން ސަރުކާރުން ބާތިލްކޮށްފި އެވެ.
ޔުނޮޕްސް އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރާއި ޔުނޮޕްސް އާ ދެމެދު ހަދާފައިވާ އެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ އެއްގޮތަކަށް ވެސް އެމީހުންނަށް އެ ޕްރޮޖެކްޓް ނުހިންގިގެން ނޫން ކަަމަށާއި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ ދެ ފަރާތުން ވެސް މަޝްވަރާކޮށް އެއްބަސްވެގެން މިދިޔަ ހޯމަ ދުވަހު ކަމަށެވެ.
ނަމަވެސް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޔުނޮޕްސްއާ އެކު ހަދާފައިވާ 67 މިލިއަން ރުފިޔާގެ އެ އެއްބަސްވުން ނިންމުމަކަށް ގެނެސްފައިވާ ސަބަބެއް ބުނެފައެއް ނުވެ އެވެ.
ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭހާއި އެނޫންވެސް ތަކެތި ފޯރުކޮށްދިނުމުގެ ކަންކަން ދެން ބަލަހައްޓަމުން ގެންދާނީ ސަރުކާރުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޔުނޮޕްސް އިން ބުނެފައިވަނީ 2013 ވަނަ އަހަރު ފެއްޓި އެ ޕްރޮޖެކްޓްގެ ދަށުން ސިއްހީ ދާއިރާ އަށް ބޭނުންވާ ބޭހާއި އެނޫންވެސް ސާމާނު ހޯދުމާއި އެކަމާއި ގުޅުން ހުރި ނިޒާމް ހަރުދަނާ ކުރެވިފައިވާ ކަމަށެވެ. އަދި 200 އަށްވުރެ ގިނަ ސާމާނު ގަނެ އެތަކެތި އަތޮޅު ތެރޭގެ 20 ސަރަހައްދަކަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެމަސައްކަތް ފެށިއިރު 146 ބާވަތުގެ ސާމާނު ސްޓޮކް ކުރެވިފައި ހުރިނަމަވެސް މިހާރު 782 ބާވަތުގެ ސާމާނު ސްޓޮކްގައި ހުރި ކަމަށް ވެސް ބުނެފައިވެ އެވެ.
ޔުނޮޕްސް އާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ ބޭހާއި މެޑިކަލް އާލާތްތަކާއި އަދި އެނޫން ވެސް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުން އެންމެހައި ތަކެތި ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން ގަނެ ހިދުމަތްދޭ މަރުކަޒުތަކަށް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކުރަންޖެހެ އެވެ.