15 Sep 2014, 22:49
ޗެލްސީ، އާސެނަލް އަދި ރެއާލް މެޑްރިޑްގެ ކުރީގެ ފޯވާޑް ނިކޮލަސް އަނެލްކާ، އިންޑިއަން ސުޕަލީގު (އައިއެސްއެލް)ގެ ކްލަބެއް ކަމަށްވާ މުމްބާއީ ސިޓީ އެފްސީއަށް ސޮއިކޮށްފި އެވެ.
އިންގްލެންޑުގެ ކުރީގެ މިޑްފީލްޑަރު ޕީޓާ ރީޑްގެ ކޯޗުކަމުގައި އައިއެސްއެލްގައި ވާދަކުރަން ތައްޔާރުވަމުންދާ، ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ރަންބީރު ކަޕޫރުގެ މުމްބާއީ ފްރެންޗައިޒުން ބުނީ، އަނެލްކާ އެ ކްލަބަށް މިއަދު ސޮއިކުރީ ކުރުމުއްދަތުގެ އެއްބަސްވުމެއްގައި ކަމަށެވެ.
"އަހަރެމެން ހިތްހަމަޖެހުމާއެކު ހާމަކުރަން، ނިކޮލަސް އަނެލްކާ މިޓީމާ ގުޅިފައިވާކަން. އަދި އެފަދަ މޮޅު ކުޅުންތެރިއެއް މި ކްލަބުގައި ހިއްސާވުން އެއީ ކްލަބަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް" ރަންބީރު ކަޕޫރު ބުންޏެވެ.
މުމްބާއީ ސީޓީ ލީގަށް ފައްކާކުރުމުގެ ގޮތުން އެ ކްލަބުން ވަނީ، ޖަރުމަނުގެ ކުރީގެ ސެންޓަބެކް، މެނުއެލް ފްރެޑްރިޗްވެސް އެކްލަބަށް ގެނެސްފައެވެ.
އަންނަ އޮކްޓޫބަރު މަހުގެ 12 އިން ޑިސެމްބަރު މަހުގެ 20ގެ ނިޔަކަށް ކުރިއަށް ގެންދާ ފުރަތަމަ އައިއެސްއެލް މުބާރާތުގައި ވާދަކުރާ ޓީމުތަކުގައި ހިމެނޭ ހައި-ޕްރޮފައިލް ކުޅުންތެރީންގެ ތެރޭގައި ކުރީގެ މަޝްހޫރު ކުޅުންތެރީން ކަމަށްވާ، އަލެސަންދްރޯ ޑެލްޕިއެރޯ އާއި، ޑޭވިޑް ޓްރަޒެގޭއާއި ރޮބަޓް ޕިރެސްއާއި ފްރެޑީ ލަމްބާގް ފަދަ ކުޅުންތެރީން ހިމެނެއެވެ.
އަނެލްކާ ބުނީ، އިންޑިއާގެ ސުޕަލީގަށް ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށާއި، މުމްބާއީ ސިޓީއަށް ކާމިޔާބު ހޯދައިދިނުމަށް އޭނާގެ ހުނަރާއި ގާބިލުކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފާނެކަމަށެވެ.
މިއީ އޭޝިއާގެ ފުޓްބޯޅައިގެ ތެރެއަށް އަނެލްކާ އައި ދެވަނަ ފަހަރެވެ. މީގެ ކުރިން 2012 ވަނަ އަހަރު އަނެލްކާ ވަނީ ޗައިނާގެ ޝަންހާއި ޝެންހުއާއަށް ކުޅެފައެވެ.
ޅައުމުރުގައި ފްރާންސްގެ ޕީއެސްޖީން ފުޓްބޯޅަ ކެރިއާ ފެށި މިހާރު އުމުރުން 35 އަހަރުގެ ކުރީގެ ފްރާންސް ފޯވާޑް ވަނީ ގައުމީ ޓީމަށް 69 މެޗު ކުޅެފައެވެ. އަދި އޭނާ ކުޅުނު ކްލަބުތަކުގެ ތެރޭގައި މެންޗެސްޓާ ސިޓީ، ފެނަބާޗޭ، ބޮލްޓަން ޔުވެންޓަސް އަދި ވެސްޓް ބޮރޮމް ހިމެނެއެވެ.
އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު އިންޑިއަން ސްޕަލީގު ފަށާނީ، މުމްބާއީ ސިޓީއާއި އެތުލެޓިކޯ ޑި ކަލްކަތާ ވާދަކުރާ މެޗުންނެވެ.