19 Jan 2011, 17:50
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާގެ 1.4 މިލިއަން ރުފިޔާގެ ބައުންސް ޗެކުތަކުގެ މައްސަލައިގައި ހެއްކެތްގެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހުށަހެޅި ފުލުހުންގެ ލިޔުމެއްގައި އޭނާގެ ސޮއި އޮތީ ފޯޖްކޮށްފައިވާ ކަމަށް މުސްތޮފާ ޝަރީއަތުގެ މަޖިލީހުގައި މިއަދު ބުނެފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މުސްތޮފާ ވިދާޅުވީ ޗެކު ބައުންސްވުމުން ހަތް ދުވަހުގެ ތެރޭގައި ޗެކަށްވާ ފައިސާ ދިނުމަށް އަންގައި ސިޓީއެއް ގާނޫނުގައިވާ ގޮތުގެ މަތިން އޭނާއަށް ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ސިޓީ އޭނާއަށް ރައްދުކޮށްފައި ނުވާ ކަމަށް މުސްތޮފާ ވިދާޅުވި އެވެ. އަދި އެ ސިޓީ ލިބުނު ކަމަށް އޭނާ އެއްބަސްވެ ސޮއި ކޮށްފައިވާ ލިޔުމެއް ކަމަށް ބުނެ ޝަރީއަތަށް ހުށަހަޅާފައިވާ ލިޔެކިޔުމުގައި ވަނީ އޭނާގެ ސޮއި ނޫން ކަމަށާއި އެއީ ފޯޖްކޮށްފައިވާ ސޮޔެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިޓީ [އަޅުގަނޑަށް] ލިބިފައެއް ނުވޭ. ކަނޑައެޅިގެން އެއީ މުތުލަގު ދޮގެއް،" މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އަރިހުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް މެމްބަރު މުސްތޮފާ ވިދާޅުވި އެވެ.
މުސްތޮފާގެ ގާނޫނީ ވަކީލު އަބްދުﷲ އަހުމަދު ވިދާޅުވީ، ޗެކު ބައުންސް މައްސަލައެއްގައި ގާނޫނީ މައްސަލަ ފުރަތަމަ އުފެދެނީ ވެސް ޗެކު ބައުންސްވުމުން ހަތް ދުވަހު ތެރޭގައި ފައިސާ ދިނުމަށް އަންގައި ސިޓީއެއް ޗެކު ދޫކުރި ފަރާތަށް އެންގުމުން ދެން ފައިސާ ނުދެއްކުމުން ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ މުސްތޮފާއަށް ސިޓީ ލިބިފައިނުވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ގާނޫނީ ވަކީލު އަބްދުއްސައްތާރު އަބްދުލްހަމީދު ވިދާޅުވީ މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ ފުރިހަމަ ކުރަންޖެހޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަކޮށްފައި ކަމަށެވެ. އަދި މުސްތޮފާއަށް ސިޓީ ހަވާލު ކުރި ކަމަށް ބުނާ ދެ މީހަކު ހެކީގެ ގޮތުގައި ވަކީލު ވަނީ ހުށަހަޅުއްވައިފަ އެވެ.
މިއަދުގެ އަޑުއެހުން އިސް ގާޒީ އަބްދުﷲ މުހައްމަދު ނިންމަވާލެއްވީ މުސްތޮފާގެ ސޮއި ފޯޖް ކުރި ކަމަށް ބުނާ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މުސްތޮފާއަށް ސިޓީ ހަވާލު ކުރި ކަމަށް ބުނާ ދެ މީހުންގެ ހެކިބަސް މުސްތޮފާއާ އެއް ހާޒިރުގައި ދެން އަޑުއެހުން ބާއްވާ ދުވަހު ނަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މުސްތޮފާގެ ސޮއި ވެސް މިއަދު ކޯޓުން ވަނީ ނަގައިފަ އެވެ. އަދި ނޫސްވެރިންނަށް މުސްތޮފާ ވަނީ އޭނާގެ "އަސްލު ސޮއި" ދައްކާލައިފަ އެވެ. މުސްތޮފާ ކޯޓުގައި ހުންނަވާ ކުރެއްވި ސޮޔާއި ޕޮލިސް ޑޮކިއުމެންޓުގައިވާ މުސްތޮފާގެ ސޮއި ކަމަށް ބުނާ ސޮޔާ ވަރަށް ތަފާތެވެ.
މުސްތޮފާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައި ވަނީ އެކި ފަހަރު މަތިން މުސްތޮފާ، އަބްދުﷲ ޖަލީލް ކިޔާ މީހެއްގެ އަތުން ފައިސާ ނެންގުމަށްފަހު އެ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން ޗެކުތަކެއް ދެއްވި ކަމަށެވެ. އެއީ 530705ރ. ގެ ޗެކަކާއި 530300ރ. ގެ ޗެކަކާއި 301975ރ. ގެ ޗެކަކާއި 120000ރ. ގެ ޗެކެއް ކަމަށް ދައުލަތުން ބުނެ އެވެ. އަދި އެ ޗެކުތައް ބައުންސްވުމުން ގާނޫނުގައިވާ ގޮތުގެ މަތިން ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އެންގުމުން މިހާތަނަށް ވެސް މުސްތޮފާ އެ ފައިސާ ދައްކާފައިނުވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.
މި މައްސަލައިގެ އިތުރުން މުސްތޮފާއަށް ދައުވާ ލިބޭ އިތުރު ދެ މައްސަލައެއް ދެ ކޯޓެއްގައި އެބަ އުޅެ އެވެ. އެއީ އެކްސްކަވޭޓަރެއްގެ މައްސަލައިގައި 326910ރ. ހޯދުމަށް އާރްކޭއެލް އިން ސިވިލް ކޯޓުގައި ކުރާ ދައުވާއަކާއި މުސްތޮފާ ހިއްސާވާ ކުންފުންޏެއް ކަމަށްވާ ސީފުޑް އިންޓަނޭޝަނަލް އިން ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓްނޭޝަނަލް އިން ނަގާފައިވާ 31231 ޑޮލަރުގެ ލޯނެއް ދައްކާފައިނުވާތީ މަޖިލިސް މެންބަރުކަމުން މުސްތޮފާ ވަކިވެފައިވާ ކަމަށް ބުނެ އުމަރު ނަސީރު ކުރައްވާ ދައުވާ އެވެ.