ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ 17 ވަނަ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ތައިލެންޑާ ވާދަކޮށް 2-0 ލަނޑުން ރާއްޖެ ބަލިވެއްޖެ އެވެ.

ކޮރެއާގެ ގޮޔަންގް ސްޕޯޓްސް ކޮމްޕްލެކްސްގެ ގޮޔަންގް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ލަނޑެއް ނުޖެހިއެވެ. އެހެން ނަމަވެސް ދެޓީމުގެ ފަރާތުން ވެސް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކުރިއެވެ.

17 ވަނަ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ ގްރޫޕް "އީ"ގައި ހިމެނޭ ތައިލެންޑާއި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަނުން މެޗު އޮފިޝަލުންނާއެކު -- އެމްއޯސީ ފޮޓޯ: ޝިމާޒު ޢަލީ

ތައިލެންޑް ޓީމުން ރާއްޖޭ ގޯލަށް ވައްދާލި ފުރަތަމަ ލަނޑު ކާމިޔާބުކުރީ، މެޗުގެ 50 ވަނަ މިނިޓްގައި ވީރަވަތުނޮޑޮމްއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 84 ވަނަ މިނިޓްގައި ޖަހައިދިނީ އަދިސަކް ކުރައިސޯން އެވެ.
17 ވަނަ އޭޝިއަން ގޭމްސްގައި ތައިލެންޑާ ވާދަކޮށް 2-0 ލަނޑުން ރާއްޖޭގެ 23 އަހަރުން ދަށުގެ ފިރިހެން ފުޓްބޯޅަ ޓީމު ބަލިވި މެޗުގެ ތެރެއިން -- އެމްއޯސީ ފޮޓޯ: ޝިމާޒު ޢަލީ

މިއަދުގެ މެޗުގައި ރާއްޖޭގެ ފުރަތަމަ އެގާރައިގައި ކެޕްޓަން އަސަދުﷲ އަބްދުﷲއާއެކު ސީނިއާ ގައުމީ ޓީމުގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ހިމެނުނެވެ.

މެޗުގައި ރާއްޖޭގެ ގޯލް ބެލެހެއްޓި، މުޙައްމަދު ޖަޒްލާންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ، ތައިލޭންޑު ޓީމުން އުފެއްދި ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފައެވެ.
17 ވަނަ އޭޝިއަން ގޭމްސްގައި ތައިލެންޑާ ވާދަކޮށް 2-0 ލަނޑުން ރާއްޖޭގެ 23 އަހަރުން ދަށުގެ ފިރިހެން ފުޓްބޯޅަ ޓީމު ބަލިވި މެޗުގެ ތެރެއިން -- އެމްއޯސީ ފޮޓޯ: ޝިމާޒު ޢަލީ

ޖުމުލަ އަށް ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖްގެ މެޗުތައް ކުރިއަށް ގެންދާއިރު، ރާއްޖެ ހިމެނޭ ގްރޫޕް "އީ"ގައި ހިމެނެނީ، ތައިލޭންޑުގެ އިތުރުން އީސްޓް ޓީމޯއާއި، އިންޑޮނޭޝިއާ އެވެ.
17 ވަނަ އޭޝިއަން ގޭމްސްގައި ތައިލެންޑާ ވާދަކޮށް 2-0 ލަނޑުން ރާއްޖޭގެ 23 އަހަރުން ދަށުގެ ފިރިހެން ފުޓްބޯޅަ ޓީމު ބަލިވި މެޗުގެ ތެރެއިން -- އެމްއޯސީ ފޮޓޯ: ޝިމާޒު ޢަލީ

ގްރޫޕް އީގެ ފުރަތަމަ މެޗުގައި މިއަދު އިންޑޮނޭޝިއާ ވަނީ، އީސްޓް ޓީމޯ އަތުން 7-0 ލަނޑުގެ ތަފާތު ބޮޑުކޮށް މޮޅުވެފައެވެ.

މި މުބާރާތުގައި ރާއްޖޭގެ 23 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ ޓީމު ވަނީ ކުޅުނު ފުރަތަމަ މެޗުން އިންޑިއާއާ ވާދަކޮށް 15-0 ލަނޑުން ބަލިވެފައެވެ.

ގްރޫޕް ސްޓޭޖްގައި ރާއްޖޭ ވާދަކުރާ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ އިންޑޮނީޝިއާއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި މިމަހުގެ 22 ވަނަ ދުވަހު ރާއްޖެ ވާދަކުރާނީ އީސްޓް ޓީމޯއާއެވެ.
17 ވަނަ އޭޝިއަން ގޭމްސްގައި ތައިލެންޑާ ދެކޮޅަށް ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން ނެރުނު ފުރަތަމަ 11 -- އެމްއޯސީ ފޮޓޯ: ޝިމާޒު ޢަލީ