އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދާ ކެމްޕެއިނެއްގެ ދަށުން އަންނަ އަހަރު ރާއްޖޭގައި ވެސް ގައުމީ ފެންވަރުގައި ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

"ހޯޕް ފޯ ވިމެން"ގެ ފަރާތުން އިންތިޒާމުކޮށްގެން "ވަން ބިލިއަން ރައިޒިން"ގެ ނަމުގައި ކުރިއަށްގެންދާ އެ ކެމްޕޭން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައި ވަނީ ޖެންޑާ މިނިސްޓްރީ އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިތުރުން ޖެންޑާ ޖެންޑާ އެޑްވޮކަސީ ވޯކިން ގްރޫޕާ ގުޅިގެންނެވެ.

އެ ކެމްޕެއިންގެ ހަރަކާތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މި ރޭ ސޯލްޓްކެފޭގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ހޯޕް ފޯ ވިމެންގެ އިސް ބޭފުޅެއް ކަމަށްވާ އައިޝަތު ނުޒުހާ ވިދާޅުވީ ވަން ބިލިއަން ރައިޒިން (އޯބީއާރު) ކެމްޕެއިނަކީ އދ.ގެ ދިރާސާއަކަށް ބިނާކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދަ ކަންކަމަކީ އިންސާނުންގެ ހައްގުތަކާ ގުޅިފައިވާ ކަމެއް ކަން ފާހަގަކުރެވޭ ހިނދު އެކަން ހުއްޓުވުމަށް ޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމުގަ އެވެ.

"އަންހެނުންގެ ހާލަތު ދެނެގަތުމަށް 2007 ވަނަ އަހަރު ރާއްޖޭގައި ހިންގި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ޖިންސީ ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާއެއް ލިބިފައިވާ މީހެއް. މީގެ ތެރެއިން ކޮންމެ ފަސް އަންހެނެއްގެ ތެރެއިން އެކަކީ ބައިވެރިޔާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހެއް. އަދި ކޮންމެ 12 އަންހެނެއްގެ ތެރެއިން އެކަކީ ކުޑައިރު އަނިޔާ ލިބިފައިވާ މީހެއް،" ނުޒުހާ ވިދާޅުވި އެވެ.

އެހެންކަމުން އޯބީއާރު ފަދަ ހަރަކާތްތަކަކީ އަންހެނުންނާއި އަންހެން ކުދިންގެ ހާލަތާ މެދު މުޖުތަމައު ހޭލުންތެރިކުރުވައި އެފަދަ ކަންތައްތައް ރިއާޔަތްކުރުމަށް މަގުފަހިކޮށްދޭ ވަސީލަތެއް ކަމަށާއި އެ ކެމްޕެއިންގެ ދަށުން ހިންގާ ހަރަކާތްތަކަކީ މުޖުތަމައުގެ ކުދި ބޮޑު އަންހެނުން އަދި ފިރިހެނުންނަށް ވެސް އަމާޒުކޮށްގެން އެންމެންނަށް ބައިވެރިވެވޭނެ ފަދަ ގޮތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ހޯޕް ފޯ ވިމެން އިން ބުނެ އެވެ.

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ރާއްޖޭގައި އެންމެ ފުރަތަމަ ހަރަކާތެއް ކުރިއަށް ގެންދިޔައީ 2013 ވަނަ އަހަރުގަ އެވެ. އަދި 2014 ވަނަ އަހަރު ވެސް ފާހަގަކޮށްލެވޭ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ އިރު އަންނަ އަހަރު އެ ހަރަކާތްތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.