15 Sep 2014, 20:52
މާލެއާއި ހުޅުލެއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖަށް "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ ނަމުން ނަންދިނުމަށް ފެނިވަޑައިގަންނަވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވީ، "މާލެ-ހުޅުލެ ބްރިޖް" އެޅުމުގެ މަޝްރޫޢަށް ޗައިނާއިން އެހީވެދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި އަދި އެ ބްރިޖަކީ ރައްޖެއާއި ޗައިނާއާ ދެމެދު އޮތް ރަހްމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ބްރިޖެއްގެ ގޮތުގައި އެތަނަށް ނަން ދިނުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަޝްރޫޢާ ބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް އޮން ޕްރޮމޯޓިންގ ދަ ކޮންސްޓްރަކްޝަން އޮފް ދަ މާލެ-ހުޅުލެ ބްރިޖް ޕްރޮޖެކްޓް"ގައި މިއަދު ދެ ސަރުކާރުން ވަނީ ސޮއިކުރައްވާފަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބް ޢަބްދުލްޤަފޫރެވެ. ޗައިނާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރު އޮފް ކޮމާސް ގައޯ ހޫޗެންގ އެވެ.
ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރުމަށް ޓަކައި، ޗައިނާގެ ވިޔަފާރިވެރިންގެ ހިއްސާ އިތުރުކުރުމަށް އެގައުމުގެ ވިޔަފާރިވެރިންނަށް ބާރުއަޅުއްވާނޭ ކަމަށާއި އަދި ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ މަޝްރޫއުތަކަށް ޗައިނާއިން ފައިސާގެ އެހީތައް ވެދެއްވާނެ ކަމަށް ވެސް ރައީސް ޝީ ވިދާޅުވި އެވެ.
"ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރެވޭ މަސައްކަތުގައާއި ޔޫތު ސިޓީ ގާއިމު ކުރުންފަދަ މަޝްރޫއުތަކުގައި ޗައިނާ ވިޔަފާރިވެރިންގެ ބައިވެރިވުން އިތުރުކުރުމަށް ޗައިނާއިން ބާރުއަޅާނެ،" ޗައިނާބަހުން ވާހަކަފުޅު ދައްކަވަމުން ރައީސް ޝީ ވިދާޅުވި އެވެ.
ރައީސް ޝީގެ ވާހަކަފުޅުގައި، ޗައިނާއާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެމަނިކުފާނާއި، އެމަނިކުފާނުގެ ވަފްދުގެ ބޭފުޅުންނަށް ރާއްޖެ އިން ބެހެއްޓެވި މެހެމާންދާރީއަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ އަށާއި ދިވެހި ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ.
ރާއްޖެއަކީ ޗައިނާގެ ގާތް އަވަށްޓެރި ގައުމެއް ކަމުގައި ވިދާޅުވެ، މެރިޓައިމް ސިލްކް ރޫޓްގެ ސަބަބުން، ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަން ޔަގީންކުރައްވާ ކަމުގައި ވެސް ޗައިނާގެ ރައީސް ވިދާޅުވި އެވެ.