15 Sep 2014, 19:24
އިމާދުއްދީން ސްކޫލުގެ ގްރޭޑް ތިނެއްގައި ކިޔަވަމުންދާ ދަރިވަރަކަށް 'ބުލީ' ކުރިކަމަށް ބުނާ ޓީޗަރު ސަސްޕެންޑް ކުރާވަރުގެ ކަމެއް އެ ޓީޗަރު ނުކުރާ ކަމަށް ޓީޗަރުންގެ އެސޯސިއޭޝަނުން ބުނެފި އެވެ.
ބުލީ ކުރި މައްސަލަ، އެޑިއުކޭޝަން މިނިސްޓްރީއާއި އިމާދުއްދީން ސްކޫލުގެ އިތުރުން ފުލުހުން ވެސް ދަނީ ބަލަމުންނެވެ. ބުލީކުރި ކަމަށްބުނާ ޓީޗަރަށް "ވަކިގޮތަކަށް އަންގަންދެން ގޭގައި މަޑުކުރަން" އެޑިއުކޭޝަން މިނިސްޓްރީން އަންގާފައި ވަނިކޮށް، ޓީޗަރުންގެ އެސޯސިއޭޝަނުން އަމިއްލައަށް މައްސަލަ ބެލުމަށްފަހު ބުނެފައިވަނީ، ސަސްޕެންޑް ކުރާވަރުގެ މައްސަލައެއް އެކަމުގައި ނުވާކަމަށެވެ.
ޓީޗާސް އެސޯސިއޭޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ އެސޯސިއޭޝަންގެ ރައީސް އާތިފު އަބްދުލް ހަކީމް ވިދާޅުވީ، ބުލީ ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން އެ އެސޯސިއޭޝަނުން ކަންތައްތަކެއް ބަލާފައިވާ ކަމަށެވެ. އަދި އެ ޓީޗަރަކީ ގާބިލު އަދި ކޮންފިޑެންސާ އެކު ކިޔަވައިދޭ ޓީޗަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓީޗަރު ކުށެއް ކުރިއެކޭ ވެސް އަދި ނުކުރެއެކޭ ވެސް ނުދަންނަވާނަން. އެކަމަކު އަޅުނގަޑުމެން ހޯދިހޯދުމުން ނުވަތަ ބެލިބެލުމުން، ސަސްޕެންޑްކުރެއްވި ޓީޗަރަށް މިހާރުވަރުގެ އަނިޔާތަކެއް ލިބެންވީ ވަރުގެ ކަމެއް އެތަނުގައި ހިނގާފައެއް ނެތޭ.. މުޅި މައްސަލަ ފެންނަމުންދަނީ އެ ޓީޗަރު ކުރި ކަމެއްގެ ގޮތުގައި،" އާތިފު ވިދާޅުވި އެވެ.
ކުއްޖާ ދޮގު ހަދާ ކަމަށް ބުނި ވާހަކައާއި ކުއްޖާއާ ދިމާލަށް ހުތުރު ބަހުން ވާހަކަދެއްކި ކަމަށް ބުނާ ވާހަކަ ވެސް ޓީޗާސް އެސޯސިއޭޝަނުން ވަނީ ބުލީ ކުރި ކަމަށް ބުނާ ޓީޗަރާ ހަވާލާދީ ދޮގުކޮށްފަ އެވެ.
"އެ މައްސަލައާ ގުޅިގެން ބެލެނިވެރިންނާ ޓީޗަރާ ދެމެދު ކަންތައްތަކެއް ދިޔަ. އެ ވަގުތު ޓީޗަރު ތަންކޮޅެއް އަޑު ބާރުކޮށް ވާހަކަދެއްކި ކަމަށް އޭރު އެތަނުގައި ތިބި މީހުން ބުނެފައިވޭ. ނަމަވެސް ޓީޗަރުގެ ޑިސިޕްލިންގެ ތެރެއިން ބޭނުންކޮށްގެން ނުވާނެ ވަރުގެ ބަހެއް ބޭނުންކޮށްފައިނުވޭ،" އާތިފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މައްސަލާ އެހާހިސާބަށް ދިއުމުގެ ކުރިން ދަރިވަރުގެ ބެލެނިވެރިން އެ މައްސަލަ ސްކޫލުގެ މެނޭޖްމަންޓަށް ނުވަތަ އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާ ކުރެއްވިނަމަ މާ ރަނގަޅުވީސް ކަމަށެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގްރޭޑް ތިނެއްގައި ކިޔަވަމުން އަންނަ އަންހެން ކުއްޖަކަށް އެ ދަރިވަރުގެ ކްލާސް ކުދިން ވަނީ ދިމާކޮށް 'ބުލީ'ކޮށްފަ އެވެ. އަދި އެކަން ސްކޫލުގެ މެނޭޖްމަންޓަށް ދަރިވަރުގެ ބެލެނިވެރިން ހުށަހެޅުމުން އެ ދަރިވަރުގެ ޓީޗަރު ވަނީ އެކުއްޖާއަށް އިންޒާރުދީ، ހަޑިހުތުރު ބަހުން ވާހަކަދައްކާފަ އެވެ.
މީގެ އިތުރުން، އެ މައްސަލައިގައި ދަރިވަރުގެ ބެލެނިވެރިން އެދިގެން ދަރިވަރުގެ ކްލާސް ވަނީ ބަދަލުކޮށްފަ އެވެ.