ރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅައި ދިއުން އެބަ އޮތް ކަމަށާއި ދީނީ ގޮތުން ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ ސަބަބުން ބެލެނިވެރިން ބޭނުން ނުވެގެން ސްކޫލަށް ނުފޮނުވާ 400 ވަރަކަށް ކުދިން އެބަތިބި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ( އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމް އިން މިހެން ބުނީ ރާއްޖޭގައި ހުރި އިންސާނީ ހައްގުތަކާ ގުޅުން ހުރި މައްސަލަތައް ދެނެގަނެ، އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު( ޔޫއާރްޕީ) ރިޕޯޓްގަ އެވެ. އެޗްއާރްސީއެމުން ވަނީ ޔޫއެން ހިއުމަން ރައިޓްސް ކައުންސިލަށް އިއްޔެ ހުށަހަޅާފަ އެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ދީނީ ގޮތުން ގަބޫލުކުރާ ގަބޫލުކުރުންތަކުގެ ސަބަބުން ކައިވެނި ރަޖިސްޓްރީ ނުކުރުމަށް ވެސް ރާއްޖޭގައި ބައެއް އިލްމުވެރިން ހިތްވަރު ދެމުންދާ ކަމަށެވެ.

"...ކޯޓްތަކުގައި ކައިވެނި ރަޖިސްޓްރީކުރުމަކީ އިސްލާމްދީނާ ހިލާފު އަދި ބޭކާރު ކަމެއް ކަމުގައި ބުނެ، ކައިވެނި ރަޖިސްޓްރީ ނުކުރުމަށް ބައެއް އިލްމުވެރިން ހިތްވަރުދޭތީ ރަޖިސްޓްރީ ނުކުރާ ބައެއް ކައިވެނި ހުރިކަމުގެ ރިޕޯޓްތައް އެބަ ހުއްޓެވެ. ދައުލަތުގެ މުއައްސަސާތަކުން މިމައުލޫމާތު ވަނީ ބަލައިގެންފަ އެވެ. އަދި އެފަދަ ކައިވެނިތަކުން އުފަންވާ ކުދިންނަށް ގާނޫނީ ގޮތުން ސީރިއަސް މައްސަލަތައް ކުރިމަތިވާނެތީ އެ މުއައްސަސާތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.

އަދި އެފަދަ ކައިވެނިތަކުގެ މަތީގައިވާ އަންހެނުންނަށް އިޖުތިމާއީ ގޮތުންނާއި ގާނޫނީ ގޮތުން މައްސަލަތައް ކުރިމަތިވެ އެވެ. ފިރިހެނުންނަށް ވުރެ އަންހެނުން ދެރަ ކަމަށް ގަބޫލުކުރާ ކޮންޒަވޭޓިވް ވިސްނުން ފެތުރެމުން ދަނީ ކަންބޮޑުވާ މިންވަރަކަށެވެ. މުޖުތަމައުގައި އަންހެނުންގެ ދައުރަކީ ކިޔަމަންތެރި އަނބިންގެ ގޮތުގައި އުޅުން އަދި ދަރިން ބެލުން ކަމަށް ގިނަ އަންހެނުންތަކެއް ގަބޫލުކުރެ އެވެ. ދީނީގޮތުން ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ ސަބަބުން ސްކޫލަށް ނިފޮނުވާ 400 ވަރަކަށް ކުދިން އެބަތިއްބެވެ،" އެޗްއާރްސީއެމްގެ ރިޕޯޓްގައިވެ އެވެ.

ރާއްޖޭގައި ހުރިކަމަށް އެޗްއާރްސީއެމް އިން ގަބޫލުކުރާ އިންސާނީ ހައްގުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ރިޕޯޓްގައި ހިމަނާފައިވެ އެވެ. އެގޮތުން އެންމެ ކުޑަ މުސާރަ ކަނޑައެޅުމާއި ވަޒީފާއެއް ނުލިބޭ ދުވަސްވަރު އެހީތެރިކަން ދިނުމުގެ ގާނޫނު ނެތްކަން ފާހަގަކޮށްފައިވެ އެވެ. އަދި ރާއްޖޭގައި ވަޒީފާ ނެތް މީހުން އިތުރުވަމުން ދިއުމާއި ރާއްޖޭގައި ގޭންގް މާރާމާރީ އާއި މީހުން މެރުން ފަދަ މައްސަލަތައް އިތުރުން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ގެވެށި އަނިޔާއާ ބެހޭ ގާނޫނު ރަނގަޅަށް ތަންފީޒު ނުކުރެވޭތީ އަންހެނުންގެ ހައްގުތައް ނުލިބޭ މައްސަލަ ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އެޗްއާރްސީއެމް އިން ބުނީ ޔޫޕީއާރް ރިޕޯޓްގެ މައިގަނޑު މަގުސަދަކީ އދ.ގެ މެމްބަރު ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކުރުމާއި ހައްގުތައް ގެއްލިފައިވާ މިންވަރު ދެނެގަތުމާއި އެފަދަ އަމަލުތައް ހުއްޓުވުމަށް ގައުމުތަކަށް ބާރު އެޅުން ކަމަށެވެ. އަދި އެރިޕޯޓް ރާއްޖެ އިން މި އަހަރު ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ 15 ސެޕްޓެމްބަރު (މިއަދު) ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ ގޮތުން ދައުލަތުން ހުށަހަޅަން ޖެހޭ ރިޕޯޓް ހުށަހެޅުމުގެ ފަހު ތާރީހަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހެވެ. ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން އެރިޕޯޓްތަކާއި ޓްރީޓީ ބޮޑީސްގެ ރިޕޯޓްތައް ބެލުމަށް ފަހު ރާއްޖޭގެ ދައުލަތް ރިވިއުކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ޔޫޕީއާރްގެ 22 ވަނަ ސެޝަނުގަ އެވެ.