ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާގެ ރައީސް ޝީ ޖިންޕިންގ، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މައުމޫން ޢަބްދުލްޤައްޔޫމްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ރައީސަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ރާއްޖެއަށް ޒިޔާރަތްކުރެއްވިކަމީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްޔަތުން 1984 ވަނަ އަހަރާއި 2006 ވަނަ އަހަރު ޗައިނާއަށް ރަސްމީ ދަތުރުފުޅުތަކެއް ކުރެއްވިކަމަށާއި، އެ ދަތުރުފުޅުގައި ޗައިނާގެ އެންމެ އިސް ވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާގެ ސަރުކާރުން އަބަދުވެސް ރާއްޖެއާ ދޭތެރޭގައި ބަހައްޓަވަމުން ގެންދަވާ ގާތްކަމާއި، ރާއްޖޭގެ ތަރައްގީއަށްޓަކައި ވެދެއްވާފައިވާ ގިނަގުނަ އެހީތަކަށްޓަކައި ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ރިޔާސަތުގެ ދުވަސްވަރު ޗައިނާ ސަރުކާރުން ވެދެއްވާފައިވާ އެހީތަކުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ އިމާރާތާއި ދާރުލްއާސާރުގެ އިމާރާތަކީ ޗައިނާ ސަރުކާރުން ވެދެއްވާފައިވާ އަގުބޮޑު ދެ ހަދިޔާ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ޗައިނާ ސަރުކާރުން ހިންގަވާދެއްވާފައިވާ ހައުސިންގ ސްކީމްތަކާއި، އިންޖީނުގެ އެޅުމަށް ދެއްވާފައިވާ އެހީތަކާއި، ސުނާމީ ކާރިސާއާ ގުޅިގެން ވެދެއްވި އެހީއަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ޗައިނާގެ އެންމެ ފުރަތަމަ ރައީސްއަކީ އެމަނިކުފާނުކަމަށްވީތީ އެކަމާ ވަރަށް ބޮޑަށް އުފާފުޅުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާއަކީ އަބަދުވެސް ރާއްޖެއަށް ހެޔޮއެދޭ ގައުމެއް ކަމަށާއި ކުރިއަށްއޮތް ތާނގައިވެސް ރާއްޖޭގެ ތަފާތު ތަރައްގީގެ މަޝްރޫއުތަކަށް ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެކަމަށް ވިދާޅުވި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އާއި ދެބޭފުޅުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވަނީ -- ފޮޓޯ: ކުރީގެ ރައީސް މައުމޫންގެ އޮފީސް

ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި ޗައިނާއާ ރާއްޖެއާ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުން ބަދަހި ކުރެއްވުމުގެގޮތުން ރައީސް މައުމޫންގެ ރިޔާސަތުގެ ދުވަސްވަރު ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުތަކަށްޓަކައި ރައީސް މައުމޫނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސް މައުމޫންއަކީ ޗައިނާގެ ޒަމާންވީ ވަރަށް ގާތް ރަޙްމަތްތެރިއެއް ކަމުގައި ވިދާޅުވަމުން، ކުރިއަށްއޮތް ތާނގައިވެސް ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމުގައި އެމަނިކުފާނު މަސައްކަތްޕުޅު ކޮށްދެއްވާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހުގައިވެސް މެދުކެނޑުމެއްނެތި ތަފާތު ގޮތްގޮތުން ރައީސް މައުމޫން ދިވެހި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ހިދްމަތްތަކަށްޓަކައި އުފާފުޅުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫންގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބްއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުޙަންމަދު ޙުސައިން ޝަރީފްއާއި، އިކޮނޮމިކް ޑެވެލޮޕްމަންޓުގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ފާރިސް މައުމޫން އާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެމްބެސެޑަރ އެޓް ލާރޖް ޢަބްދުﷲ ޙަމީދު ބައިވެރިވެވަޑައިގަތެވެ.

ޗައިނާގެ ރައީސްގެ އަރިހުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ އާއި ޗައިނާ ވަފްދުގެ އެންމެ އިސް އިތުރު 6 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ.