15 Sep 2014, 16:28
އަތޮޅުތަކުގެ ޒުވާނުންގެ މަރުކަޒު ތަކަށް ހާއްސަ ކޮށްގެން ބާއްވާ ޖިމް އަދި އެރޮބިކްސް އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ކޯހެއް ފަށައިފި އެވެ.
ރާއްޖޭގެ 11 ރަށެއްގެ ޒުވާނުން ބައިވެރި ކޮށްގެން ޒުވާނުންގެ މަރުކަޒުގައި އިއްޔެ ފެށި، މި ކޯސް މިމަހުގެ 29 ވަނަ ދުވާހާ ހަމައަށް ކުރިއަށް ދާނެއެވެ.
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މި ކޯހުގެ ފެށުމުގެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ، މި ކޯހުގެ މައިގަނޑު މަގްސަދަކީ ކުޅިވަރާ ބެހޭ ސައިންޓިސްޓުން ތަމްރީން ކޮށް މުޖުތަމައަށް ނެރުން ކަމަށެވެ.
ކުޅިވަރު، ވަޒީފާއެއްގެ ގޮތުގައި ކުރިއެރުވުމަކީ މަގުސަދެއް ކަމަށާއި ކުޅިވަރުގެ އެހީގައި ޒުވާނުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށްވެސް ޣައްސާން ވިދާޅުވި އެވެ.
ޒުވާނުން ބައިވެރިކޮށްގެން ކުރިއަށް ގެންދާ މިފަދަ ކޯސްތަކުގެ އެހީގައި، އިތުރު މަޝްރޫއު ތަކެއް ފަށައި އޭގެ ސަބަބުން 94،000 ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށްވެސް ޣައްސާން ވިދާޅުވި އެވެ.
"މި ޕްރޮގްރާމް އަމާޒު ކުރެވިފައިމިވަނީ ރައީސް ޔާމީނުގެ 94000 ވަޒީފާ ދިވެހި ޒުވާނުންނަށް ހޯދައިދެއްވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށް އެޅޭ ބޮޅެއް ގެވެސް ގޮތުގައި. އެހެނީ ތިބޭފުޅުންގެ ވަޒީފާ ވެގެންދާނީ މި 94000 ވަޒީފާގެ ތެރޭގައި ގުނާނެ ވަޒީފާއަކަށް،" ޣައްސާން ވިދާޅުވި އެވެ.