ކޮރަލް ވިލް ހައުސިން ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި އަޅަންފަށާފައިވާ 40 ފްލެޓް އެ ފްލެޓުތަކުގެ ވެރިފަރާތްތަކާ އަންނަ މަހު ހަވާލު ކުރެވޭނެ ކަމަށް ހުޅުމާލޭ ޑިވެލޮޕްމަންޓު ކޯޕްރޭޝަން އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީގެ އޮފިޝަލެއް މިއަދު ވިދާޅުވީ މިހާރު ނިމެމުން ދަނީ ދެ ކޮޓަރީގެ އެޕާޓްމަންޓުގެ 20 ފްލެޓް ހިމެނޭ އިމާރާތަކާއި ތިން ކޮޓަރީގެ އެޕާޓްމަންޓުގެ 20 ފުލެޓު ހިމެނޭ އިމާރާތެއް ކަމަށެވެ. އެ 40 ފްލެޓު ވެސް އަންމަ މަހު ތެރޭގައި ހަވާލު ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ނިމެމުން އަންނަ ދެ އިމާރާތުގެ ހުރިހާ ފްލެޓެއް ވެސް ހުރީ ވިއްކައި ނިމިފައި ކަމަށާއި ދެ ކޮޓަރީގެ ފްލެޓެއް ވިއްކާފައިވާ އަގަކީ ނުވަ ލައްކަ އާއި 1.2 މިލިއަން ރުފިޔާ އާއި ދެމެދުގެ އަގަކަށް ކަމަށާއި ތިން ކޮޓަރީގެ ފްލެޓެއް ވިއްކާފައިވާ އަގަކީ 1.2 މިލިއަނާއި 1.6 މިލިއަން ރުފިޔާ އަށްކަމަށް އެޗްޑީސީން ބުނެ އެވެ.
އެ ފްލެޓްތައް ދެ ގޮތަކަށް ވިއްކާފައިވެ އެވެ. އެއީ އެއްފަހަރާ ލާރި ދައްކައިގެނާއި، ކްރެޑިޓް ސްކީމްގެ ދަށުން ކަމަށް އެޗްޑީސީން ބުނެ އެވެ.

ކްރެޑިޓް ސްކީމްގެ ދަށުން ފްލެޓުގެ އަގު ދައްކާއި ނިންމަން ޖެހެނީ 15 އަހަރު ދުވަހުގެ ތެރޭގަ އެވެ. އަދި އެޑްވާންސް ޕޭމަންޓެއްގެ ގޮތުން ފްލެޓުގެ ޖުމްލަ އަގުގެ 20 ޕަސަންޓު ދައްކަން ޖެހެ އެވެ.
ކޮރަލް ވިލް ހައުސިން ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި އަޅާ 180 ފްލެޓުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2010 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ.