15 Sep 2014, 16:14
ދުނިޔޭގެ ފުޓްބޯޅަ 'ލެޖެންޑެއް' ކަމަށްވާ ޑީއޭގޯ މަރަޑޯނާއަކީ އާޖެންޓީނާގެ މިހާރުގެ ފޯވާޑު ލައިނެލް މެސީއާ އަޅައިކިޔޭނެ ވަރަށްވުރެ މޮޅު ކުޅުންތެރިއެއް ކަމަށް އާޖެންޓީނާގެ ކުރީގެ ފޯވާޑް ހާނަން ކްރެސްޕޯ ބުނެފި އެވެ.
މަރަޑޯނާ ކުޅުން ހުއްޓާލިތާ އަހަރެއް ފަހުން، އާޖެންޓީނާއަށް ފުރަތަމަ މެޗު ކުޅުން ކްރެސްޕޯ ބުނީ ދެ ދުވަސްވަރެއްގެ ދެ ކުޅުންތެރިން އަޅާ ކިޔުމަކީ، އެންމެ އެދެވިގެންވާ ގޮތް ނޫން ކަމަށެވެ.
"ދެ ދުވަސްވަރެއްގެ ކުޅުންތެރިން އަޅައެއް ނުކިޔޭނެ. އެއީ ވަރަށް ހަމަހަމަ ނޫން ގޮތެއް،" ކްރެސްޕޯ ބުންޏެވެ.
ކްރެސްޕޯ ބުނީ މެސީއަކީ އާދަޔާ ހިލާފު މޮޅު ކުޅުންތެރިއަކަށް ވީ ނަމަވެސް އޭނާއާއި މަރެޑޯނާއާ އަޅާ ކިޔުމަކީ 'ކޮސް' ކަމެއް ކަމަށެވެ.
"އެންމެންވެސް އުޅެނީ މަރަޑޯނާއާއި މެސީއާ އަޅާކިޔަން. އެކަމު އެއީ ކޮސް ކަމެއް. މެސީ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އެކަމަކު މަރަޑޯނާގެ މޮޅު ކަމަކީ ބަޔާން ކުރެވޭނެ ކަމެއް ނޫން،" ކްރެސްޕޯ ބުންޏެވެ.
ފުޓުބޯޅަ ކެރިއަރުގައި ކްރެސްޕޯ ހޭދަ ކުރި 19 އަހަރުގެ ތެރެއިން 14 އަހަރު އޭނާ ހޭދަކުރީ އިޓަލީގައެވެ. ލަލީގާ އާއި ޕްރިމިއާ ލީގާ އަޅާކިޔާ އިރު އިޓަލީ ލީގުގެ ފެންވަރު މިހާރު ވަނީ ދަށްވެފައި ކަމަށާއި އެ ފެންވަރު އަލުން ރަނގަޅު ކުރަން ޖެހޭ ކަމަށް ކްރެސްޕޯ ބުންޏެވެ.
"މީގެ 10 ވަރަކަށް އަހަރު ކުރިން ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން އަންނަނީ އިޓަލީއަށް. އެކަމަކު މިހާރު މެސީ އަދި ރޮނާލްޑޯ މެން ފަދަ ކުޅުންތެރިން އޮޅިގެން ހިތުވެސް ނުލާނެ މިހާ ހިސާބަށް އަންނަން. ހުނަރު އިތުރު ކޮށްގެން މިތާ އެކަންތަށް ބަދަލު ކުރަން އެބަ ޖެހޭ. ސެރިއާ އޭގެ އަމާޒަކަށް ވާން ޖެހޭނީ ރަނގަޅު ކުޅުންތެރިން ނެރުން. އޭރުން މޮޅު ލީގެއް ބޭއްވޭނީ،" ކްރެސްޕޯ ބުންޏެވެ.