15 Sep 2014, 16:02
ފައިނަލުގައި އިންޑިއަން ބްލޫސްއާ ވާދަކޮށް 28 ލަނޑުން މޮޅުވެ ޓީ-20 ބްލާސްޓު 2014ގެ ޗެމްޕިއަންކަން ވައިޑީޕީ ހޯދައިފިއެވެ.
ފައިނަލް މެޗުން ޓޮސް ދިމާވުމުން ވައިޑީޕީ ގަސްދުކުރީ ކުޅުމަށެވެ. އެގޮތުން އެޓީމުން ވަނީ، ހަ ކުޅުންތެރިން ނުބައިވި އިރު 195 ލަނޑު ހަދާފައެވެ. އެ ޓީމުން އަފްޒަލް ފާއިޒް 103 ލަނޑު ހަދާފައި ވާއިރު މިހުސާން ހަމީދު 38 ލަނޑު އަދި އާދަމް ނާސިފް 28 ލަނޑު ހެދިއެވެ. އިންޑިއަން ބްލޫސް އިން މުއާވިޔަތު ދެ ވިކެޓު ނަގާފައި ވާއިރު ޓޯބީ އާއި އިރުފާން ވަނީ ކޮންމެ މީހަކު އެއް ވިކެޓު ނަގާފައެވެ.
ޖަވާބުގައި އިންޑިއަން ބްލޫސްއިން ކުޅެން އަރައި 20 އޯވަރުގައި 8 ކުޅުންތެރިން ނުބައިވެގެން ހެދުނީ 166 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި ދިނޭޝް ވަނީ 63 ހަދާފައެވެ. އަބްދުﷲ ސައީދު ވަނީ 30 ހަދާފައެވެ.
ވައިޑީޕީން އާދަމް ނާސިފް 19 ލަނޑަށް ތިން ވިކެޓް ނަގާފައިވާއިރު އަމީލާއި މިހުސާން ވަނީ ކޮންމެ މީހަކު ދެ ވިކެޓު ނަގާފައެވެ. ރިޒާން ނަގާފައިވަނީ އެއް ވިކެޓެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ 56 ބޯޅައިން 103 ލަނޑު ހަދާފައިވާ އަހުމަދު އަފްޒަލެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ސްރީލަންކާ ހައި ކޮމިޝަންގެ ރޯސާން އެވެ. އެންމެ މޮޅު އުކުންތެރިޔަކަށް ހޮވިފައިވަނީ އެމްއެންޑީއެފްގެ މުހައްމަދު ފައިސަލެވެ.
މުބާރާތުގެ ރަނަރަޕް ޓީމު އިންޑިއަން ބްލޫސް އަދި މޮޅުވި ޓީމަށް އިނާމު ހަވާޅުކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މަރިޔަމްއާއި އިންޑިއަން ބްލޫސްގެ ކްރިޝްނާ ކުމާރުއާއި ކްރިކެޓު ބޯޑުގެ ރައީސް އަހުމަދު ހަސަންދީދީ އެވެ.