މއ. އައިޝާ، ހުސައިން ވަހީދު މަރާލި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ދެ ކުދިންގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހުސައިން ވަހީދަށް ތޫނުއެއްޗަކުން ހަމަލާދީ އޭނާ މަރާލިކަމުގެ ދައުވާ ދައުލަތުން އުފުލާފަވީ އުމުރުން 16 އަހަރުގެ ދެ ކުދީންގެ މައްޗަށެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފައި ވަނީ އެ މައްސަލައިގައި ވަކާލާތު ކުރައްވާ ދިފާއީ ވަކީލުގެ ބަލިހާލަތު ހުރިގޮތުން މިއަދު ޝަރީއަތަށް ހާޒިރުވެވެން ނެތް ކަމަށް ކޯޓަށް އަންގަވާފައިވާތީ ކަމަށެވެ.

އުމުރުން 16 އަހަރުގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ދެ ކުދިންގެ ތެރެއިން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކުއްޖާއާ ދެކޮޅަށް ދައުލަތުން ވަނީ އަށް މީހެއްގެ ހެކި ހުށަހަޅާފައެވެ. އަދި ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކުއްޖާއާ ދެކޮޅަށް ދައުލަތުން ފަސް މީހެއްގެ ހެކި ވަނީ ހުށަހަޅާފަ އެވެ.

އެ ދެ ކުދިންނަށް ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ދިނުމުން ހެކި ހުށަހަޅަން ބޭނުންނުވާ ކަމަށް ޝަރީއަތުގައި އެ ދެ ކުދިން ވެސް ވަނީ ބުނެފަ އެވެ.

އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖެއްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައި ވަނީ އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:30 އެހައިކަން ހާއިރު، ހުސައިން ވަހީދު މއ. އައިޝާގޭ، ކައިރީގައި ހުއްޓައި، އިތުރު ބަޔަކާ އެކު އެތަނަށް ގޮސް ތިލައިގައި ހަ އިންޗި ހުންނަވަރުގެ ވަޅިއެއް އޭނާގެ މެޔަށް ހަރާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ފުރަތަމަ ކުއްޖާ ހުސައިން ވަހީދުގެ މެޔަށް ވަޅި ހެރުމަށްފަހު ދެވަނަ ކުއްޖާ އިން ސައިކަލްގެ ފަހަތަށް އެރުމުން އެ ކުއްޖާ ގޮވައިގެން ދެވަނަ ކުއްޖާ އެތަނުން ގޮސްފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އެމައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގަ އެވެ.