15 Sep 2014, 14:49
ލ. ގަން ތުނޑި، ވުޑްލޭންޑް އަހުމަދު ނިޒާރު މަރާލި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ އަނެއްކާވެސް ޝަރީއަތް ކެންސަލްކޮށްފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ ބާއްވަން ތާވަލްކުރި ޝަރީއަތް ކެންސަލްކޮށްފައި ދައުލަތުން ހުށަހެޅި ހެކީން ޝަރީއަތަށް ހާޒިރުކުރެވިފައިނުވާތީ ކަމަށެވެ. މިމަހުގެ ހަތް ވަނަ ދުވަހު ބާއްވަން ތާވަލްކުރި އެ މައްސަލައިގެ އަޑުއެހުން ވެސް ވަނީ ބޭއްވޭގޮތްނުވެފަ އެވެ. އެއީ ދައުވާ ލިބޭ ކުއްޖާ ޝަރީއަތަށް ހާޒިރުކޮށްދެވިފައިނުވާތީ އެވެ.
އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށާއި އެދުވަހު އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ތިން މީހެއްގެ ހެކިބަސްނެގުން ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީސްތަކުގައި މަންޒަރު ދުށް މީހުންގެ ހެކިބަހާއި ދައުވާ ލިބޭ ކުއްޖާ ދިފާއުގައި ހުށަހެޅި ހެކީންގެ ހެކިބަސް ވަނީ ނަގައިފަ އެވެ.
ދައުލަތުން އެ ކުއްޖާގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:23 އެހާކަން ހާއިރު، ލ. ގަން ސިނާއީ މަގުން ދެކުނުން އުތުރަށް ނިޒާރު ސައިކަލުގައި ދަނިކޮށް އެ ކުއްޖާ އިތުރު ބަޔަކާ އެކު، އެ މަގުގައި ދިރާގު އެންޓަނާ ހުންނަ ސަރަހައްދުން ލަކުޑި ބުރި އާއި ދަގަނޑުބުރިން އޭނާއަށް ހަމަލާދިނުމުން ލިބުނު ޒަޚަމްތަކުގެ ސަބަބުން ނިޒާރު މަރުވެފައިވާ ކަމަށެވެ.
އެ ކުއްޖާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
ރާއްޖޭގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުމާއި ނުވަތަ އެފަދަ މަގުސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުން ލިބޭ ފަދަ ކަމެއް ކުރުމާއި އެފަދަކަމެއް ކުރުމަށް އުޅުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.
އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހެއްގެ އަދަބަކީ މެރުން ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުން ކަމަށެވެ. އަދި އެފަދަ ކުށެއް ރޭވުމުގައި ބައިވެރިވި މީހާގެ އަދަބަކީ ވެސް އެއީ އެވެ.