މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު އެންޖެލް ޑި މަރިއާ ރޭގައި ދެއްކި ވަރުގަދަ ކުޅުމަށް ވުރެވެސް މޮޅަށް އޭނާއަށް ކުޅެވޭނެ ކަމަށް ޓީމުގެ ކޯޗު ލުއިން ވެން ހާލް ބުނެފި އެވެ.

ޕްރިމިއާ ލީގުގައި ރޭ ކިއުޕީއާރާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާއިން ހަތަރު ލަނޑު ޖަހާފައިވާއިރު އެއިން އެއްލަނޑު ކާމިޔާބުކޮށްދިނީ ޑި މަރިއާ އެވެ. ރެއާލް މެޑްރިޑުން 75 މިލިއަން ޔޫރޯއަށް މެންޗެސްޓާއަށް ގެނެސްފައިވާ ޑި މަރިއާ ގޯލު ކާމިޔާބު ކޮށްފައިވަނީ މެޗުގެ ކުރީކޮޅުގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. އަދި އޭނާ ވަނީ، މެޗުގައި ހުއާން މަޓާ ކާމިޔާބު ކުރި ގޯލު ޖެހުމަށް އެސިސްޓު ކޮށްދީފައެވެ.

މުޅިމެޗުގައި ވެސް ޑި މަރިއާގެ ކުޅުން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔަ ނަމަވެސް ލުއިސް ވެން ހާލް ބުނީ، އެއީ އަދި އެންމެ އެދެވިގެންވާ ކުޅުން ނޫން ކަމަށެވެ.

"ގޯލެއް ޖެހުމަށްފަހު ދެން އެމީހަކު ނުވާނެ ގޯސް ކުޅުންތެރިއަކަށް. އެކަމަކު އޭނާ [ޑި މަރިއާ]ގެ ފަރާތުން ވަނީ، އެފަދަ ކުޅުންތެރިއަކަށް ހެދިގެން ނުވާނެ ފަދަ ގޯސްތަކެއް ހެދިފައި. ވަރަށް ބައިވަރު ފުރުސަތުތަކެއް އޭނަ އަތުން ގެއްލުނު،" ވެން ހާލް ބުންޏެވެ.

ވެން ހާލް ބުނީ ގޯލެއް ޖެހުމަށްފަހު ގޯސް ކަމެއް ނުފެންނާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ރަނގަޅު ކުރަން ފެންނަ ބައެއް ކަންތައްތައް އެބަހުރި ކަމަށެވެ.

"ވަރަށް އުނދަގޫވާނެ ގޯލެއް ޖެހޭހާ ވަރުގަދައަށް ކުޅެފައި އެއަށްވުރެ މޮޅު ކުޅުމެއް ދައްކަން. އެކަމަކު މެޗު، އަހަރެން އެނަލައިޒް ކުރަމުންދާއިރު ފެނޭ އަދި ރަނގަޅު ކުރަން ޖެހޭ ކަންތައް ހުރިކަން،" ވެން ހާލް ބުންޏެވެ.