15 Sep 2014, 14:27
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އަންހެނަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މ. ލަންސިމޫގެއާގޭ ނިޝާނާ ރަޝީދު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އިންޑިއާގެ ޓްރިވެންޓުރަމްގައި ހުރުމަށްފަހު އިންޑިއަން އެއާލައިންސްގެ ފުލައިޓަކުން ރާއްޖެ އައި އިރު މަސްތުވާތަކެތި އެތެރެކުރި މައްސަލަ ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.
އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ނިޝާނާ ރާއްޖެ އައުމުން އެ ދެ މީހުން ކުރެ އެއްވެސް މީހެއްގެ އަތުގައި އެއްވެސް މީހަކު ހަވާލުކުރި އެއްޗެއް ހުންނާނެތޯ ކަސްޓަމްސްގެ އޮފިސަރުން ސުވާލުކުރުމުން އެފަދަ އެއްޗެއް ނުހުންނާނެ ކަމަށް ދެ މީހުން ވެސް ވަނީ ބުނެފަ އެވެ. އެއަށްފަހު ކަސްޓަމަސްގެ އޮފިސަރުން އެ ދެ މީހުންގެ ފޮށިތަންމަތިބަލައި ފާސްކުރަމުން ދަނިކޮށް ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުންނާނެ ކަމަށް 17 އަހަރުގެ އަންހެން ކުއްޖާ ވަނީ ކަސްޓަމްސްގެ އޮފިސަރުންގެ ގާތުބުނެފަ އެވެ.

އެގޮތުން ކަސްޓަމްސްގެ އޮފިސަރުން އެ ދެ މީހުންގެ ހަށިގަނޑު ބަލައިފާސްކުރި އިރު ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 69.9468 ގްރާމް ހެރޮއިންއާއި 11.1610 ގްރާމް އެސިޓައިލްމޯފިން ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުންދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.
އެ މައްސަލާގައި ހިމެނޭ 17 އަހަރުގެ އަންހެން ކުއްޖާގެ ހަށިގަނޑު ބަލައި ފާސްކުރި އިރުވެސް މަސްތުވާތަކެތި ފެނިފައިވާތީ އެކުއްޖާ ވެސް ޖަލަށްލުމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި މަސްތުވާތަކެތި އެތެރެކުރުމުގައި ބައިވެރިވި ދެ ކުއްޖަކު ވެސް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.