15 Sep 2014, 14:16
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޗައިނާ ސަރުކާރާއި ރާއްޖެ ގުޅިގެން ހުޅުމާލޭގައި ކުރިއަށް ގެންދާ ފްލެޓް އެޅުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވައްސާއި ލ. އަތޮޅުގެ ލިންކް ރޯޑް ގާއިމުކުރުމާ ބެހޭ މަޝްރޫއު ޗައިނާ ރައީސް ޝީ ޖިންޕިންގް އާއި ރައީސް ޔާމީން އަބްދުލްގައްޔޫމް މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
އެ ދެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރައީސް އޮފީހުން ބުނީ ބޯހިޔާވަހިކަން ފޯރިކޮށްދިނުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން އިމާރާތްކުރުމަށް ކަނޑައަޅާފައިވާ 1500 ހައުސިން ޔުނިޓަކީ ޗައިނާ ސަރުކާރުގެ އެހީގައި ކަނޑައެޅޭ ލުއި ލޯނެއްގެ ދަށުން، ޗައިނާގެ ކުންފުންޏެއް ކަމުގައިވާ ޗައިނާ މެޝިނަރީ އެންޖިނިއަރިންގް ކޯޕަރޭޝަން (ސީއެމްއީސީ) އިން ކުރިއަށްގެންދާނެ މަޝްރޫއެއް ކަމަށެވެ.
މީގެ އިތުރުން ލ. އަތޮޅުގައި ގާއިމު ކުރުމަށް ނިންމާފައިވާ ލިންކް ރޯޑަކީ އެ އަތޮޅު ފޮނަދު އާއި ގަން ގުޅުވައިދޭ ގޮތަށް 15.1 ކިލޯ މީޓަރުގެ މަގެއް ކަމަށެވެ. އެެ މަގު ތަރައްގީ ކުރުމުގެ މަޝްރޫއަކީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ޗައިނާގެ ޖިއަންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޯޓް އިންޖިނިއަރިންގް ގްރޫޕުން ކުރިއަށްގެން ދިއުމަށް ހަމަޖއްސާފައިވާ މަޝްރޫއެކެވެ.