ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތަކުގެ އާ އޮނިގަނޑަށް އަމަލުކުރުމަށް ކޯޓުތަކަށް އަންގާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( މިއަދު ބުނެފި އެވެ.

ޖޭއެސްސީން ނެރުނު ނޫސް ބަޔާނުގައި ބުނަނީ، ޑިސެމްބަރު 28، 2010 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފަނޑިޔާރުންގެ މުސާރައިގެ އާ އޮނިގަނޑަށް އަމަލުކުރުމަށް ނިންމީ ރޭ ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ކަމަށެވެ. އަދި އެ ނިންމުމަށް އަމަލުކުރުމަށް ހުރިހާ ކޯޓުތަކަށް އަންގައި ސާކިއުލާ ނެރެފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.
އާ އޮނިގަނޑަށް މުސާރަދޭން ފަށާނީ އޯގަސްޓް 10، 2010 އިން ފެށިގެން ކަމަށް ޖޭއެސްސީން ބުނެ އެވެ. އެ ތާރީޚުން ފެށިގެން ޑިސެމްބަރު 31، 2010ގެ ނިޔަލަށް ފަނޑިޔާރުންނަށް މުސާރަ އާއި އެލަވަންސް ދޭނީ އެ މުއްދަތުގެ ތެރޭ ފަނޑިޔާރުންނަށް ދީފައިވާ މުސާރަ އާއި އިނާޔަތްތައް ކަނޑައި ބާކީވާ އަދަދު ކަމަށާއި އާ އޮނިގަނޑުގައިވާ ގޮތަށް މުސާރަ ދޭން ފަށާނީ ޖެނުއަރީ 1، 2011 އިން ފެށިގެން ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނި ގޮތުގައި، އާ އޮނިގަނޑުގެ ދަށުން ދެވޭ މުސާރަ އާއި އިނާޔަތްތަކުގެ އިތުރަށް މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް މަހަކަށް 1500ރ. ލިބޭނެ އެވެ.
"މާލެ ފިޔަވަޅައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތްކަތް ކުރުން ކަމަށް ބަލާނީ އެމީހަކު ނުވަތަ އެމީހެއްގެ އަނބިމީހާގެ އަމިއްލަ ރަށް ނޫން ރަށެއްގައި ނުވަތަ އެމީހަކު ނުވަތަ އެމީހެއްގެ އަނބިހާގެ ދިރިއުޅުން ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތްކުރުމަށް" ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.
މީގެ އިތުރުން އާ އޮނިގަޑަށް އަމަލުކުރަން ފެށުމާ އެކު ފަނޑިޔާރުންނަށް ކުރިން ދެމުން ގެންދިޔަ 11 އެލަވަންސެއް ހުއްޓާލުމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.

މުސާރައިގެ އާ އޮނިގަނޑުގެ ދަށުން ހައިކޯޓުގެ އިސް ފަނޑިޔާރާއި ހައިކޯޓުގެ ފަނޑިޔާރާއި ސުޕީރިއާ ކޯޓުގެ އިސް ގާޒީ އާއި ސުޕީރިއާ ކޯޓުގެ ގާޒީއާއި އަތޮޅުގެ އިސް މެޖިސްޓްރޭޓާއި ކޯޓުގެ އިސް މެޖިސްޓްރޭޓާއި ސީނިއާ މެޖިސްޓްރޭޓް އަދި މެޖިސްޓްރޭޓް ކަމުގެ މަގާމުތަކާއި ރޭންކް ކުރާއިރު ކްލެސިފައި ކުރެވޭނެ ގޮތްތައް ވެސް ވަނީ ޖޭއެސްސީން ނެރުނު ސާކިއުލާގައި ބަޔާންކޮށްފައި ކަމަށް އެކޮމިޝަނުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ މުއައްސަސާތަކުގެ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އިސްލާހު ކުރިއިރު ޖުޑީޝަރީގެ މުސާރަ ވަނީ 87 ޕަސަންޓް ބޮޑުކޮށްފަ އެވެ. އެގޮތުން ފަނޑިޔާރުންގެ ގޮތުގައި ތިއްބަވާނެ ކަމަށް ލަފާކުރެވޭ 244 ފަނޑިޔާރުންނަށް މުސާރަ ދިނުމަށް 2011 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ ޖުމްލަ 89.3 މިލިއަން ރުފިޔާ އެވެ. މިއީ ކުރިން ފަނޑިޔާރުންނަށް ދެމުން އައި މުސާރައާއި އަޅާބަލާއިރު 41.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.