އެތުލެޓިކްސް މުބާރާތް ތަކަށް ދަތުރު ކޮށްފައި ހުންނާނީ ތަޖުރިބާ ހޯދަން ނޫން ކަމަށާއި އެފަދަ ދަތުރު ތަކަކީ ނަތީޖާ ނެރުމަށް ކޮށްފައިވާ ދަތުރު ތަކެއް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލު ވިދާޅުވެއްޖެ އެވެ.

އޭޝިއަން ގޭމްސްގެ ގައުމީ އެތުލެޓިކްސް ޓީމު ސްކޮޑު އިއުލާނުުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ތޮލާލު ވިދާޅުވީ، އެއްވެސް މުބާރާތަކީ ތަޖުރިބާ ހޯދުމުގެ ނަމުގައި ބައިވެރިވެފައިވާ މުބާރާތްތަކެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ވަނައެއް ހޯދުމުގެ އަޒުމުގައި ބައިވެރިވެފައިވާ މުބާރާތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެތުލެޓިކްސް ޓީމު ފަހަކަށް އައިސް ކޮށްފައި ހުންނާނީ ތަޖުރިބާ ދަތުރު ތަކެއް ކުރާކަށް ނޫން. އަޅުގަނޑުމެން ހަމަ ރިޒަލްޓް ނެރެން. ނަތީޖާއެއް ނެރެން އަޅުގަނޑުމެން ދަތުރު ކުރަނީ،" ތޮލާލު ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވުނު އޭޝިއަން ގޭމްސްގައި ސެމީ ފައިނަލަށް ގޮސްފައިވާ ގައުމީ އެތުލެޓިކްސް ޓީމު މިފަހަރުވެސް ސެމީއަށް ނުވަތަ އެއަށް ވުރެއް ދުރަށް ދިޔުމަކީ ތޮލާލުގެ އުންމީދު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓާގެޓާކީ ސެމީއަށް ދަތުރު ކުރުން ކަމުގައި ވާނަމަ ވަރަށް ޔަގީންކަން އެބަ އޮތް އަޅުގަނޑުމެން އަންނާނީ އޭޝިއަން ގޭމްސް ގެ ސެމީ ފައިނަލްގައި ވާދަ ކޮށްގެން. އަދި އަޅުގަނޑު އުންމީދު ކުރަން އެއަށް ވުރެވެސް ކުރިއަށް އަޅުގަނޑުމެންގެ އެތުލީޓުން ދާނެ ކަމަށް،" ތޮލާލު ވިދާޅުވި އެވެ.

ގައުމީ އެތުލެޓިކްސް ޓީމުގައި ހިމަނާފައިވަނީ ހަ ކުޅުންތެރިންނެވެ. ނަމަވެސް އެއް ކުޅުންތެރިއެއްގެ އިންޖަރީގެ ސަބަބުން ފަސް ކުޅުންތެރިންނަށް ވަނީ މަދުކޮށްފައެވެ.

އެތުލެޓިކްސް ޓީމުގެ ކެޕްޓަނަކީ 100 މީޓަރުގެ ދުވުމުގައި ބައިވެރިވާ ހަސަން ސާއިދެވެ. މުބާރާތުގެ 200 މީޓަރުގެ ދުވުމުގައި ބައިވެރިވާނީ ހުސެއިން އިނާޝެވެ. ތިންވަނަ ކުޅުންތެރިޔާ ރިޒާ ހުސެއިން ވާދަ ކުރާނީ 400 މީޓަރުގެ ދުވުމުގައެވެ. އަހުމަދު ހަސަނާއި ޝިފާޒް މުހައްމަދު 800 މީޓަރުގެ ދުވުމުގެ އިތުރުން އަހުމަދު 1000 މީޓަރު އަދި ޝިފާޒު 1500 މީޓަރުގެ ދުވުމުގައި ބައިވެރި ވާނެއެވެ.