15 Sep 2014, 13:50
ސްޕެނިޝް ލަލީގާ ގައި އެތުލެޓިކޯ މެޑްރިޑުން 2-1 ލަނޑުން ރެއާލް މެޑްރިޑް ގެ މައްޗަށް ކުރިހޯދައި، އެ ޓީމުގެ ސަޕޯޓަރުން މާޔޫސްކޮށްލައިފި އެވެ. ރެއާލްގެ ސެންޓިއާގޯ ބެރްނަބެއު ކުޅުނު ފޯރިގަދަ މެޑްރިޑް ޑާބީގެ މި ނަތީޖާއާއެކު އެތުލެޓިކޯއިން ވަނީ އެ ޓީމަށް ލީގު ދިފާއުކުރެވޭނެކަން މުޅި ދުނިޔެއަށް ދައްކާލާފައެވެ.
އެންމެ ފަހުގެ ލަލީގާގެ ޗެމްޕިއަން އެތުލެޓިކޯގެ ކުޅުންތެރިން ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ކުރީކޮޅު އެތުލެޓިކޯގެ ކޯކޭ ވަނީ އޭނާގެ މޮޅު ހުރަސް ތަކުން ރެއާލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
މެޗު ފަށައިގެން 10 ވަނަ މިނެޓް ތެރޭގައި އެތުލެޓިކޯ ގެ ޒުވާން ފޯވަޑް ޓިއާގޯ ވަނީ ގޯލެއް ޖަހައި ޗެމްޕިއަނުންނަށް ލީޑު ހޯދައި ދީފައެވެ. އެހެންނަމަވެސް މެޗުގެ 25 ވަނަ މިނިޓުގައި އޭރިއާ ތެރެއިން އެތުލެޓިކޯގެ ޑިފެންޑަރު ގުއިލްހާމެ ސިކުއެރާ ކްރިސްޓިއާނީ ރޮނާލްޑޯއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެން ރެއާލުން އުއްމީދު އާ ކުރިއެވެ.
ރޮނާލްޑޯ އެންމެ ފަހުން އެތުލެޓިކޯ ކޮޅަށް ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބު ކޮށްފައިވަނީ ޕެނަލްޓީ އިންނެވެ.
ދެވަނަ ހާފުގައި ރެއާލްގެ ފޯވަޑް ކަރިމް ބެންޒީމާ ވަނީ ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ބޭކާރު ކޮށްލާފައެވެ. މީގެ ނަތީޖާއަކަށްވީ މެޗުގެ 76 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ އަދްރާ ޓުރާން އެތުލެޓިކޯއަށް މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ރެއާލްގެ މައްޗައް ކުރިހޯދައި ދިނުމެވެ.
ޓްރާންސްފާ ބާޒާރުގައި އެންމެ ފަހު ވަގުތު ރެއާލް އާ ގުޅުނު ހާވިއާ ހާނަންޑެޒް ވަނީ ރޭގެ މެޗުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފައެވެ.
އިއްޔެ ރޭގެ ކުރިމަތިލުމަކީ މިއަހަރު މިދެޓީމް ބައްދަލުކުރި ހަތްވަނަ ފަހަރެވެ. އެންމެ ފަހުން ވާދަކުރީ ސްޕެނިޝް ސުޕަ ކަޕުގައެވެ. އެ މެޗް 1-0 ކާމިޔާބު ކޮށް ތަށި ހޯދީ އެތުލެޓިކޯ އިންނެވެ.
މި މޮޅާއެކު ހަތް ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ އޮތީ ލީގު ތާވަލުގެ ދެ ވަނައިގައެވެ. ސީޒަންގެ ފުރަތަމަ ތިންމެޗުގެ ތެރެއިން ދެ މެޗުން ބަލިވެ ލިބުނު އެންމެ މޮޅަކާއެކު ރެއާލްވަނީ ތިން ޕޮއިންޓާއެކު ތާވަލުގެ ބާރަ ވަނައިގައެވެ. ނުވަ ޕޮއިންޓާއެކު އަދިވެސް ކުރީގައި އޮތީ ބާސެލޯނާ އެވެ.