މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަޝްރޫއުގެ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)ގައި ޗައިނާ ސަރުކާރާ އެކު ރާއްޖެ އިން ސޮއިކޮށްފި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މާލެއާއި ހުޅުލެއާ ދެމެދު އެޅާ ބްރިޖްގެ މަޝްރޫއާ ބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ޕްރޮމޯޓިން ދަ ކޮންސްޓްރަކްޝަން އޮފް ދަ މާލެ-ހުޅުލެ ބްރިޖް ޕްރޮޖެކްޓް"ގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އާއި ޗައިނާގެ މިނިސްޓަރު އޮފް ކޮމާސް ގައޯ ހޫޗެން އެވެ.

މީގެ އިތުރުން އެ ރަސްމިއްޔާތުގައި ރާއްޖޭގެ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީ އާއި ސިއްހަތާއި އިލްމީ ދާއިރާ ތަރައްގީ ކުރުމާ ބެހޭ އަށް އެއްބަސްވުމެއްގައި ދެގައުމުގެ މެދުގައި ވަނީ ސޮއިކޮށްފަ އެވެ. ސޮއިކުރެއްވުމުގެ އެ ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ އެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އުމްރާނީ ތަރައްގީއާ ބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ދަ ޓޫރިޒަމް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ޕޮރެޖްޓް"ގައި ސޮއިކުރެއްވީ ޓޫރިޒަމް އަހުމަދު އަދީބު އަދި ޗައިނާ ހާބާ އިންޖިނިއަރިންގް ކުންފުނީގެ ޗެއާމަން މޯ ވެންހީ އެވެ.

ޗައިނާ އާއި ދިވެހި ރާއްޖެ އާ ދެމެދުގައި މިއަދު ސޮއިކުރެވުނު މި އެއްބަސްވުންތަކުގެ ތެރެއިން ދެގައުމުގެ ދެމެދުގައި އޮތް ހާރިޖީ ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް އޮން ސްޓްރެންތަނިން ދަ ކޯޕަރޭޝަން"ގައި ސޮއިކުރެއްވީ މިނިސްޓަރު އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އެވެ.

ޗައިނާ އާއި ދިވެހި ރާއްޖެއާ ދެމެދު އިގުތިސާދީ ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުން، "އެގްރީމަންޓް އޮން އެސްޓަބްލިޝިންގް ދަ ޖޮއިންޓް ކޮމިޓީ އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން"ގައި ސޮއިކުރެއްވީ މިނިސްޓަރު އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް މުހައްމަދު ސައީދާއި ޗައިނާގެ މިނިސްޓަރު އޮފް ކޮމާސް ގައޯ ހޫޗެން އެވެ. އަދި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް އޮން މެރިން ކޯޕަރޭޝަން"ގައި ސޮއިކުރެއްވީ މިނިސްޓަރު އޮފް އެންވައިރަމަންޓް އެންޑް އެނާޖީ ތޯރިގު އިބްރާހިމާާއި ޗައިނާގެ ސްޓޭޓް އޯޝެނިކް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރު ލިއު ސިގުއި އެވެ.

"އެގްރީމަންޓް އޮން އެސްޓަބްލިޝިންގް ދަ ޖޮއިންޓް ކޮމިޓީ އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން"ގައި ދެ ގައުމުން ސޮއިކުރައްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ


ދެ ގައުމުގެ ދެމެދުގައި އޮތް ސިއްހީ ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް އޮން ހެލްތު ކޯޕަރޭޝަން"ގައި ސޮއިކުރެއްވީ ހެލްތާ މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވައިފާ ހުންނަވާ ސަފީރު ވަންގް ފޫކަންގް އެވެ.

ޗައިނާގެ ޓޫރިސްޓުންގެ ސަލާމަތާ ބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް އޮން ދަ އެސްޓެބްލިޝްމަންޓް އޮފް އަ ޖޮއިންޓް މީޓިންގް މެކޭނިޒަމް ޓު ޑީލް ވިތް ދަ އިޝޫ އޮފް ސޭފްޓީ އޮފް ޗައިނީސް ޓޫރިސްޓްސް އިން ދަ މޯލްޑިވްސް"ގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވައިފާ ހުންނަވާ ސަފީރު ވަންގް ފޫކަންގް އެވެ.

ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ އުމްރާނީ ތަރައްގީއާ ބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް އޮން ދަ ޓޫރިޒަމް އިންފްރާސްޓްރަކްޗަރު ޑިވެލޮޕްމަންޓް ޕޮރެޖްޓް"ގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އާއި ޗައިނާ ހާބަރު އިންޖިނިއަރިންގް ކުންފުނީގެ ޗެއާމަން މޯ ވެންހީ އެވެ.

މީގެ އިތުރުން އިބްރާހިމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާ ބެހޭ އެއްބަސްވުން، "ޕްރިލިމިނެރީ ކްރޮންޓެކްޓް އެގްރީމެންޓް ފޯ އެކްސްޕޭންޝަން އެންޑް އަޕްގްރޭޑިންް އޮފް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓް"ގައި ސޮއިކުރެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސަލީމާއި ޗައިނާގެ ބީޔޫސީޖީ ކުންފުނީގެ 'އޯވާސިސް ބިޒްނަސް' ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު ލީ ޑައޮސޮންގް އެވެ.

"މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް އޮން ދަ ގްރޭޓާ މާލެ ސެންޓްރަލް ޕަވާ ސްޓޭޝަން ޕްރޮޖެކްޓް"ގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު އަބްދުއްޝަކޫރު ސޯލިޙާއި ޗައިނާގެ ސައިނޯ-ހައިޑްރޮޕް ކޯޕަރޭޝަންގެ ނައިބު ރައީސް ހޯ ސިއަތުންނެވެ.