15 Sep 2014, 13:16
ރާއްޖޭގެ އިގުތިސާދު މުޅިން އެހެން ހާލަތަކަށް ބަދަލުކޮށްލަން އެންމެ އިތުބާރުކުރެވޭ އިގުތިސާދީ އެއް ބައިވެރިޔާ( ޗައިނާ) އެހީތެރިވާން ތައްޔާރަށް އޮތުމަކީ ރާއްޖެ އަށް ލިބޭ ހިތްވަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
މިހާރު ރާއްޖެ އަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އަރިހުގައި ރައީސް އޮފީހުގައި މީގެ ކުޑަ އިރުކޮޅެއް ކުރިން ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ޔާމީނު ވިދާޅުވީ ޗައިނާގެ އެހީތެރިކަން ރާއްޖެ އަށް މިލިބެނީ ތަރައްގީގެ ގޮތުން ރާއްޖެ އަށް ވަރަށް މުހިއްމު ވަގުތެއްގައި ކަމަށެވެ.
"...އަޅުގަނޑުމެންގެ ތަރައްގީގެ މިފަދަ މުހިއްމު ވަގުތެއްގައި، އަޅުގަނޑުމެންގެ އިގުތިސާދު މުޅިން ބަދަލުކޮށްލައި އަޅުގަނޑުމެންގެ ޒުވާން އާބާދީ އަށް ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ތެރެއިން އުފާވެރިކަން ގެނެސް ދިނުމުގައި އަޅުގަނޑުމެންގެ އެންމެ އިތުބާރު ކުރެވޭ އިގުތިސާދީ އެއް ބައިވެރިޔާ، އެހީތެރިވާން ތައްޔާރަށް އޮތުމަކީ ހިތްވަރު ލިބޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތީ އިތުބާރުގެ މަތީގައި ބިނާވެފައިވާ ތަރައްގީގައި އެއްބާރުލުމުގެ ގުޅުމެއް ކަމަށެވެ. ދެގައުމުގެ ރައްޔިތުންގެ މެދުގައި އެކި ފެންވަރުގައި ގުޅުންތައް ރަނގަޅުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ޗައިނާގެ ރައީސް ޝީޖިންޕިން އަރިހުގައި މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކާ ބެހޭ ގޮތުން ރައީސް ޔާމީނު ވިދާޅުވީ އެއީ ވަރަށް އުފެއްދުންތެރި ވާހަކަފުޅުތަކެއް ކަމަށެވެ. އެގޮތުން ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އާ އުސްމިނަކަށް ގެންދިއުމާ މެދު މަޝްވަރާކުރެއްވުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ތަރައްގީ އަށް އެހީތެރިވެދިނުމަށް ޗައިނާއިން ތައްޔާރަށް އޮތްކަން ރައީސް ޝީ ހާމަ ކުރެއްވި ކަމަށެވެ.
"... ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދިނުމަށް، ހާއްސަކޮށް، ހުޅުމާލެއާއި މާލެއާ ދެމެދު އަޅާ ބްރިޖް ފަދަ އަޅުގަނޑުގެ ރިޔާސީ ވައުދުތަކާ ގުޅިފައިވާ މަޝްރޫއުތަކަށް އެހީވާން ޗައިނާ ތައްޔާރަށް އޮތްކަން ރައީސް ޝީ ހާމަކުރެއްވީތީ އަޅުގަނޑު އެކަން ޝުކުރުވެރިކަމާ އެކު ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު އެކި އެކި ދާއިރާތަކުން އެއްބާރުލުމުގެ ގިނަ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކުރި އެވެ. އެގޮތުން ސިޔާސީ އިގުތިސާދީ ގޮތުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ދެފަރާތުން ސޮއިކުރި އެވެ.