15 Sep 2014, 13:10
ރާއްޖެ އިން ހައްޖަށް ގެންދިއުމަށް ކޯޓާ ލިބޭ ހުރިހާ ހައްޖާޖީ އިން ހައްޖަށް ގެންދިއުމުގެ ކެޕޭސިޓީ، ރާއްޖޭގެ ހައްޖު ކޯޕަރޭޝަންގައި އެބަހުރި ކަމަށް އެކޯޕަރޭޝަންއިން ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަންގެ ޗެއާޕާސަން ޑރ. އައިޝަތު މުނީޒާ މިއަދު ސަން އަށް ވިދާޅުވީ މީގެ ފަހުން ރާއްޖެ އިން ހައްޖަށް ދާ މީހުން ގެންދިއުމުގެ ހުރިހާ ކަމެއް ކުރާނީ ހައްޖު ކޯޕަރޭޝަން އިން ކަމަށް ސަރުކާރުން ނިންމައިފި ނަމަ އެކަން ކުރެވޭނެ ކެޕޭސިޓީ އެކޯޕަރޭޝަންގައި ހުރި ކަމަށެވެ.
މުނީޒާ ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ކެޕޭސިޓީ ހުރިކަލް ފަތުހު ޖަމާއަތުން އޮޅުވާލި މީހުން ހައްޖަށް ފޮނުވުމުން ވެސް އެނގިގެންދާ ކަމަށެވެ.
"ފަތުހު ޖަމާއަތުން ހުރީ ބޮޑެތި ގިނަ ކަންކަން އެއްވެސް ވަރަކަށް ހަމަނުޖައްސާ، އަޅުގަނޑުމެން މިވަނީ ކޯޕަރޭޝަންއިން ވަނީ 45 ގަޑިއިރުތެރެގައި އެއިންތިޒާމްތައް ނިންމާލާފައި" މުނީޒާ ވިދާޅުވި އެވެ.
އެކޯޕަރޭޝަން އިން މިއަހަރު ވެސް ވަނީ 600 އަށްވުރެ ގިނަ މީހުން ރާއްޖެ އިން ހައްޖަށް ގެންގޮސްފަ އެވެ.
އަމިއްލަ ޖަމިއްޔާތަކުގެ ހަވާލުގައި މީހުން ހައްޖަށް ގެންދިއުމުގެ ކަންކަމާ މެދު ފުންކޮށް ވިސްނަން ޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވުފަ އެވެ. "ސައި ހޮޓަލެއްގައި މޭޒު ބަހައްޓައިގެން" މިހާރު މީހުން ހައްޖަށް ނުގެންދެވޭނެ ކަމަށް މިނިސްޓާ ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ރާއްޖެ އިން ހައްޖަށްދާ މީހުންނަށް ހައްޖަށްދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ގިނަ ބަޔަކު އެދެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަމިއްލަ ފަރާތްތަކާއި ހަވާލުކޮށްގެން މީހުން ހައްޖަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ އިރު އޭގެ ސަބަބުން ތަފާތު ހިތާމަވެރި ކަންކަން ވަނީ ތާރީހުގައި ވެސް ހިނގާފަ އެވެ.