ފަތުހު ޖަމާއަތުން ހައްޖަށް ގެންދިއުމަށް ގިނަ އަދަދެއްގެ ބަޔަކު އަތުން ފައިސާ ނަގައި ފަހު ވަގުތު އެމީހުން ހައްޖަށް ގެންދެވެން ނެތް ކަމަށް ބުނުމުން ސަރުކާރުގެ ހަރަދުގައި އޭގެ ތެރެއިން ބަޔަކު މިއަދު ހައްޖަށް ފުރުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެބޭފުޅުން ފުރާފައި ވަނީ މިއަދު ހެނދުނު 9:20 ކަންހާއިރު ކަމަށެވެ. ސަރުކާރުން 125 ބޭފުޅުންނަށް ފުރުސަތު ދިން ނަމަވެސް ފުރާފައި ވަނީ 121 ބޭފުޅުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ﷲގެ އިރާދަފުޅުން ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ފަހުން ދިޔައީ، އެބޭފުޅުން މިހާރު ވަނީ ފުރާފައި،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

މި އަހަރު ހައްޖަށް ދިއުމަށްޓަކާ ފަތުހު ޖަމާއަތަށްް 225 މީހުން ފައިސާ ދައްކާފައިވެ އެވެ. ނަމަވެސް އެ މީހުން ހައްޖަށް ގެންދެވެން ނެތް ކަމަށް ފަހު ވަގުތު އެ ޖަމާއަތުން އެންގުމުން، އެ މީހުންގެ ތެރެއިން ވިސާ ޖައްސާފައިވާ 121 މީހަކު ހައްޖަށް ފޮނުވުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެކަމަށް ނުވަ މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭ ކަމަށް ސަރުކާރުން ބުންޏެވެ.

ފަތުހު ޖަމާއަތުގެ މަކަރުގައި ޖެހިގެން މި އަހަރު ސަރުކާރުގެ ހަރަދުގައި ހައްޖަށްދާ އެންމެންނަށް ހަރަދުވާ ފައިސާ ފަތުހު ޖަމާއަތުން ފަހުން ދޭން އެއްބަސްވެފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ކޯޓާ އަށް ވުރެ އިތުރަށް މީހުން ހައްޖަށް ގެންދިއުމަށް ފައިސާ ނެގި މައްސަލައާ ގުޅިގެން ފުލުހުން ވަނީ، އަލްފަތުޙު ޖަމާއަތުގެ މެނޭޖިންގް ޑިރެކްޓަރު މ. އެކްސަލް، މުސްތަފާ މުޙައްމަދު،68، މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭގެ އަނެއް ދުވަހު އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފި އެވެ.

ހައްޖަށް ގެންދާނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނެގުމަށް ފަހު، ފަހު ވަގުތު ހައްޖަށް ގެންދެވެން ނެތް ކަމަށް ބުނި، އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުން ހައްޖަށާއި އުމްރާ އަށް މީހުން ގެންދިއުމަށް ސަރުކާރުން ދޫކޮށްފައިވާ ހުއްދަ މިހާރު ވަނީ ބާތިލްކޮށްފަ އެވެ.