ހައްޖަށް ގެންދާނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނެގުމަށް ފަހު، ފަހު ވަގުތު ހައްޖަށް ގެންދެވެން ނެތް ކަމަށް ބުނި، އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުން ހައްޖަށާއި އުމްރާއަށް މީހުން ގެންދިއުމަށް ސަރުކާރުން ދޫކޮށްފައިވާ ހުއްދަ ބާތިލްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ފަތުހު ޖަމާއަތުން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފުވެފައި ވާތީ، އެ ޖަމާއަތަށާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެއްވެސް މީހަކު ހިންގާ ކުންފުންޏަކަށް އަންނަ އަހަރުން ފެށިގެން ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޫނުކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެ ޖަމާއަތާއި އެ ކުންފުނީގެ އެއްވެސް ޑިރެކްޓަރަކަށް އުމްރާ އަށް ރާއްޖެ އިން މީހުން ގެންދިއުމުގެ މަސައްކަތް ނުކުރެވޭނެ ގޮތަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

ފަތުހު ޖަމާއަތުގެ ބޯޑުގައި ހިމެނޭ ޑިރެކްޓަރުންނަކީ، މ. އެކްސަލް، މުސްތަފާ މުހައްމަދާއި ހ. ސިއްކަގޭ ހުޅަނގުބައި، މަރިޔަމް ރަޝީދާ އިބްރާހީމާއި މުޝްތަރީގެ، ދ. މީދޫ، މުހައްމަދު އަސްލަމާއި އެކްސެލް އިސްމާއިލް ސުވައިދެވެ.

މިއަހަރު ހައްޖަށް ދިއުމަށްޓަކާ ފަތުހު ޖަމާއަތަށްް 225 މީހުން ފައިސާ ދައްކާފައިވެ އެވެ. ނަމަވެސް އެ މީހުން ހައްޖަށް ގެންދެވެން ނެތް ކަމަށް ފަހު ވަގުތު އެ ޖަމާއަތުން އެންގުމުން، އެ މީހުންގެ ތެރެއިން މި އަހަރު ހައްޖަށް ދިއުމަށް ވިސާ ޖައްސާފައިވާ 118 މީހަކު ވަނީ ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދިއުމަށް ނިންމާފަ އެވެ. އަދި އެކަމަށް ނުވަ މިލިއަން ރުފިޔާ ހަރަދުކުރަންޖެހޭ ކަމަށް ސަރުކާރުން ބުންޏެވެ.

ފަތުހު ޖަމާއަތުގެ މަކަރުގައި ޖެހިގެން މިއަހަރު ސަރުކާރުގެ ހަރަދުގައި ހައްޖަށްދާ އެންމެންނަށް ހަރަދުވާ ފައިސާ ފަތުހު ޖަމާއަތުން ފަހުން ދޭން އެއްބަސްވެފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ކޯޓާ އަށް ވުރެ އިތުރަށް މީހުން ހައްޖަށް ގެންދިއުމަށް ފައިސާ ނެގި މައްސަލައާ ގުޅިގެން ފުލުހުން ވަނީ، އަލްފަތުޙު ޖަމާއަތުގެ މެނޭޖިންގް ޑިރެކްޓަރު މ. އެކްސަލް، މުސްތަފާ މުޙައްމަދު،68، މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭގެ އަނެއް ދުވަހު އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފި އެވެ.