އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އާމާލް އަލީ ސިވިލް ސާވިސްގެ ގާނޫނާ އަދި ވަޒީފާއާ ބެހޭ ގާނުނާ ހިލާފަށް އަމަލުކުރައްވަމުން ގެންދަވާ ކަމަށް ބުނެ އެޑިޔުކޭޝަން މިނިސްޓްރީގެ 44 މުވައްޒިފަކު ސޮއިކޮށްފައިވާ ސިޓީއެއް ސިވިލްސާވިސް ކޮމިޝަނުގެ ރައީސަށް އިއްޔެ ފޮނުވައިފި އެވެ.

ސަން އަށް ވެސް ކޮޕީ ލިބިފައިވާ އެ ސިޓީގައި ބުނެފައި ވަނީ ޕާމަނަންޓް ސެކްރެޓަރީ އަކީ މިނިވަން މުސްތަގިއްލުކަމާ އެކު މަސައްކަތް ކުރައްވަން ޖެހޭ ބޭފުޅެއް ކަމަށާއި އެހެންނަމަ ވެސް އާމާލުގެ އަމަލުތައް ހުރީ ވަކި މުވައްޒިފުންތަކަށް ހާއްސަ ގޮތްތަކެއް ބެހެއްޓެވުމަށް ކަމަށެވެ. އެގޮތުން އެ ސިޓީގައި ފާހަގަ ކޮށްފައި ވަނީ ވަކި ހިޔާލެއްގެ މުވައްޒިފުންނަށް ވަޒީފާގެ ކުރިއެރުންތައް ދެއްވުމާއި ވަކި ބަޔަކަށް އިނާޔަތްތަކާއި އެލަވަންސްތައް އިތުރުކޮށްދެއްވުމާ އަދި އާމާލްގެ އަމިއްލަފުޅު ކަންކަމުގައި އަބަދުވެސް އޮފީހުން ބޭރުގައި އުޅުއްވާ ކަމަށެވެ.

އެ ސިޓީގައި މުވައްޒިފުން ސިވިސް ސާވިސް ކޮމިޝަންގެ ރައީސް މުހަންމަދު ފަހުމީ ހަސަންގެ ކިބައިން އެދިފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒިފުންގެ މެދުގައި ހަމަހަމަ ކަން ގާއިމް ކޮށްދެއްވައި ޕާމެނެންޓް ސެކްރެޓަރީއެއްގެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދިނުމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒިފަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނީ އާމާލުގެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރެއްވުމުން އެޑިޔުކޭޝަން މިނިސްޓްރީ ބޮއްސުންލައިގެން ގޮސްފައިވާ ކަމަށާއި އެކަމާ ވާހަކަ ދައްކާލާ މަޝްވަރާކޮށްލަން ވެސް ވަގުތު ނުވާ ކަމަށެވެ.

"ކަންކަން ގޯހުން ގޯހަށް ދިޔައިމަ ކޮންމެ ހަފްތާ އަކު ބާއްވާނެ ސުކޫލް އެސެބްލީއެއް ކަހަލަ މީޓިންއެއް. ދެން އެތާންގައި އެންމެންނާ ދިމާލަށް އެއްޗިހި ގޮވުން އޮންނާނީ. އެކަމަކު އެބޭފުޅާއާ ވާހަކަ ދައްކާލަން ވަގުތެއްނުވޭ. އަހަރުގެ ދެބައިކޮށްފައި އެއްބައިގައި އުޅުއްވާނީ ރާއްޖޭން ބޭރުގައި،" އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒިފަކު ބުންޏެވެ.

ސިވިލް ސާވިސްކޮމިޝަނުގެ ރައީސް މުހަންމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ އެ ސީޓީ މިހާރު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށާއި އެ މުވައްޒިފުންގެ ޝަކުވާތައް މިހާރު އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.
ޑރ. އާމާލު ފޯނު ނުނަންގަވާތީ އެ ކަމަނާގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.