ލަންޑަން (ސެޕްޓެމްބަރ 15) : އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިއެސްއާ ދެކޮޅަށް އެމެރިކާ އެކުލަވާލާ އިއްތިޙާދުގައި އިނގިރޭސިވިލާތް ބައިވެރިވާނެކަމަށާއު ނަމަވެސް އައިއެސްގެ މަރުކަޒުތަކަށް ޙަމަލާ ދިނުމުގެ ވިސްނުމެއް އިނގިރޭސިވިލާތުން ނުގެންގުޅޭ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވިދާޅުވެއްޖެ އެވެ.

އައިއެސް އިން ވަގަށް ނަގައިގެންއުޅޭ އިނގިރޭސި ރައްޔިތެއްގެ ކަރުބުރިކޮށްލައި ކަތިލާލައިގެން އެމިހާ މަރާލުމާ ގުޅިގެން އިނގިރޭސިވިލާތުގެ ކުއްލި ޙާލަތުގެ ކަންތައްތަކާބެހޭ ކޮމިޓީ (ކޮބްރާ)ގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ފަހު ކެމެރޮން ވިދާޅުވީ އައިއެސް ޖަމާއަަތަކީ އިނގިރޭސިވިލާތުގެ އަމަނާއި ސަލާމަތަށް އޮތް ބިރެއް ކަމަށާއި ނަމަވެސް ޖަމާއަތުގެ މަރުކަޒުތަކަށް ޙަމަލާދިނުމުގެ ރޭވުމެއް އޭނާގެ ސަރުކާރުން އަދި ނުގެންގުޅޭ ކަމުގަ އެވެ.

ކެމެރޮން ވިދާޅުވީ އައިއެސްގެ އަމާޒުތަކަށް ސީދާ ގޮތެއްގައި ޙަމަލާ ނުދީ ވެސް އެ ޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރެވިދާނެ ކަމަށާއި އަދި އެ ޖަމާއަތް ބަލިވެސް ކޮށްލެވިދާނެ ކަމުގަ އެވެ. މިގޮތުން އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރާ އިރާގު ސިފައިންނާއި ކުރުދީންގެ ބިޝްމަރުގާހަނގުރާމަވެރިންނަށް ހަތިޔާރާއި ފަންނީ އެހީފޯރުކޮށްދީގެން ވެސް އެ ޖަމާއަތާދެކޮޅަށް ހަނގުރާމަކުރެވިދާނެ ކަމަށާ އިނގިރޭސިވިލާތުން މިހާރު ވެސް މިކަންކުރުމުގައި ހަރަކާތްތެރިވަމުންދާ ކަމަށް ކެމެރޮންވިދާޅުވި އެވެ. އައިއެސް ޖަމާއަތުން ވަގަށްނަގައިގެންއުޅޭ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާާ ޑޭވިޑް ހެންޒްގެ ކަރުބުރިކޮށްލައި ކަތިލާލައިގެން އޭނާ މަރާލިކަމަށް ބުނެ އައިއެސް އިއްޔެ އިންޓަނެޓްގައި ޝާއިއުކުރި ވީޑިޔޯގެ ސައްހަކަން އަދި ސާފުވެފައެއް ނުވެ އެވެ.

މިޓޭޕްގައި ޑޭވިޑް ހެންޒްގެ ވަޅިއަކުން ކަތިލައި އޭނާ މަރާލުމުގެ ކުރިން އޭނާގެ ކައިރީގައި ހުރި އައިއެސްގެ ހަނގުރާމަ ވެރިޔާ ބުނެފައި ވަނީ އައިއެސްއިން މިކަންކުރަނީ އެ ޖަމާއަތާ ދެކޮޅަށް އެމެރިކާ ރުކުރުވާލާ "ޝައިތާނީ" އިއްތިޙާދުގައި ބައިވެރިވުމަށް އިނގިރޭސި ސަރުކާރުން ނިންމުމާ އެކު އެކަމަށް ބަދަލު ހިފުމުގެ ގޮތުން ކަމުގަ އެވެ.
އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރާ އިރާގު ސިފައިންނަށާއި ކުރުދީންގެ ބިޝްމަރުގާ ޖަމާއަތަށް އިނގިރޭސިވިލާތުން ހަތިޔާރު ފޯރުކޮށްދިނުމަކީ ވެސް ހެންޒް ކަތިލާލަން ޖެހުނު ސަބަބެއް ކަމަށް އައިއެސް އިން ބުނެ އެވެ. އައިއެސް އިން ދާދިފަހުން ވަނީ އެ ޖަމާއަތުން ވަގަށް ނެގި އެމެރިކާގެ ދެ މީހެއް ވެސް ކަތިލާލައިގެން މަރާލާފަ އެވެ. އައިއެސް އިން ރަހީނުކޮށްފައިވާ އިނގިރޭސިވިލާތުގެ ރައްޔިތު މީހާގެ ބޯ އެޖަމާއަތުން ބުރިކޮށްލުމާ ގުޅިގެން އިނގިރޭސި ރައްޔިތުން ގެންދަނީ އައިއެސްގެ މަރުކަޒުތަކަށް ޙަމަލާދިނުމަށް ކެމެރޮންގެ ސަރުކާރަށްބާރުއަޅަމުންނެވެ. އައިއެސް އާ ދެކޮޅަށް އެމެރިކާ ދޭ ހަމަލާތަކުގައި ބައިވެރިނުވާކަން ކެމެރޮން ހާމަކުރައްވަފައި މިވަނީ މިގޮތަށް ކަންތައް ކޮށްފި ނަމަ އެ ޖަމާއަތުގެ ނުރައްކާ އިންތިހާއަށް އިނގިރޭސިވިލާތަށް އޮންނާނެތީ އެކަމާ ޖެހިލުންވެ ވަޑައިގަންނަވާތީ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ޒުވާނުން އައިއެސްގެ ސަފުތަކުގައި ބައިވެރިވެ ހަނގުރާމަ ކުރަމުން ގެންދާކަމަށް އެގައުމުގެ ސަރުކާރުން ވެސް އެއްބަސްވެ އެވެ. އައިއެސް އަކީ ގޮތްނޭނގޭ ޖަމާއަތަކަށްވާ އިރު އެ ޖަމާއަތާއި ހުޅަނގުގެ ޖާސޫސީ އިދާރާތަކާ ދެމެދު ސިއްރު ގުުޅުންތަކެއް އޮންނަކަމަށާއި އިސްލާމް ދީނުގެ ނަން ހުތުރުވާ ޒާތުގެ އަނިޔާވެރި ޖަރީމާތައް އެ ޖަމާއަތުގެ ހަނގުރާމަވެރިން ހިންގަނީ އިސްލާމް ދީނުގެ ނަންހުތުރު ކުރުމަށް ޕްރޮޕަގެންޑާ ކުރުމުގެ ފުރްސަތު ހުޅަނގަށް ދިނުުމުގެ ގޮތުންނާއި އިރާގާއި ސޫރިޔާފަދަ ގައުމުތަކަށް ޙަމަލާތައް ދިނުމަށް އެމެރިކާ އަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެ އެވެ. ނަމަވެސް އައިއެސް އާއި ހުޅަނގުގެ ޖާސޫސީ އިދާރާތަކާ ދެމެދު އެއްވެސް ގުޅުމެއްވާކަމުގެ ހެއްކެތް ލިބިފައިނެތުމުން މިއީ ބައެއް ފަރާތްތަކުގެ ހަމައެކަނި ހީކުރުން ތަކެއްކަމަށް ވަނީ ބެލެވިފަ އެވެ.

އައިއެސް ނައްތާލުމުގެ ނަމުގައި އެމެރިކާ އިސްވެ އޮވެގެން ކުރުމަށް ތައްޔާރުވަމުންދާ ހަނގުރާމައިގާ ބައިވެރިވުމަށް އިނގިރޭސިވިލާތް ފަސްޖެހޭ އިރު އަރަބި ބައެއް ގައުމުތައް މިހަނގުރާމައިގާ ބައިވެރިވެ އިރާގަށް ބޮންއަޅަން ތިބީ ތައްޔާރަށް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯޖްކެރީ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އަރަބިން ބައިވެރި ވާނީ އިރާގުގެ ސަރުކާރުގެ ހުއްދަ ލިބުމުން ކަމަށް ކެރީ ވަނީ ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)