15 Sep 2014, 09:21
ޕެރިސް (ސެޕްޓެމްބަރ 15) : އިރާގާއި ސޫރިޔާގެ ބޮޑުބައެއް ކޮންޓްރޯލްކުރާ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން ކުރުމަށް ރާވަމުންދާ ހަނގުރާމައިގާ ހަމަލާދިނުމަށް ހަމަޖެހިފައި ވަނީ އިރާގުގައިވާ އެ ޖަމާއަތުގެ މަރުކަޒުތަކަށް ވައިގެ މަގުން އެކަނި ކަމަށާ އަދި ސޫރިޔާގައިވާ އައިއެސްގެ މަރުކަޒުތަކަށް ޙަމަލާދޭން ޖެހޭ ނަމަ ސޫރިޔާ ސަރުކާރުގެ ހުއްދަނެތި ވެސް އެކަން ކުރާނެކަމަށް އެމެރިކާ ގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވެއްޖެ އެވެ.
އައިއެސް އާ ދެކޮޅަށް އެމެރިކާ ފަށާ ހަނގުރާމާގައި އަރަބި ގައުމުތައް ބައިވެރިކުރުމަށް ޓަކައި މެދު އިރުމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފަރަންސޭސިވިލާތަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ކެރީ ވިދާޅުވީ އައިއެސްއާ ދެކޮޅަށް އެއްގަމުމަގުން ހަނގުރާމަ ކުރުމުގެ ރޭވުމެއް އަދި ނެތް ކަމަށާއި މިހާރު ޕްލޭން ކުރެވިފައި ވަނީ ހަމައެކަނި ވައިގެ މަގުން އައިއެސްއަށް ހަމަލާ ދިނުމަށް އެކަނި ކަމުގަ އެވެ. އެއްގަމު މަގުން އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ބައިވެރިވާނީ އިރާގު ސިފައިންނާއި އިރާގުގެ ކުރުދީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބިޝްމަރުގާ ޖަމާއަތް ކަމަށާ އެމީހުންނަށް އެހީތެރިވުމުގެ ގޮތުން އެމެރިކާ އާއި ބައިވެރިން އައިއެސްގެ އަމާޒުތަކަށް ދޭނީ ވައިގެ ޙަމަލާތައް ކަމަށްވެސް ކެރީ ވިދާޅުވި އެވެ.
އެއްގަމު މަގުން އައިއެސްގެ ހަނގުރާމަވެރިންނާ ކުރިމަތިލާން އެމެރިކާ އަށް ނުކެރެނީ އެއްގަމު މަގުން ހަނގުރާމަ ފަށައިފި ނަމަ އައިއެސްގެ ހަނގުރާމަވެރިންގެ އަތްދަށުން އެމެރިކާ ސިފައިންގެ ގިނަ ބަޔަކު މަރުވެ ޒަޚަމްވެ އަދި އަސީރުންގެ ގޮތުގައި ހައްޔަރު ކުރުމުގެ ފުރްސަތު ބޮޑުވެފައި އައިއެސް ޖަމާއަތަކީ އަސީރުން ވެސް ކަރުބުރިކޮށް ކަތިލައިގެން މަރާ ޖަމާއަތަކަށް ވާތީ އެކަމާ އެމެރިކާ ޖެހިލުންވާތީ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
އެމެރިކާއަކީ ދުނިޔޭގެ އެއްވަނަ އަސްކަރީ ބާރުކަމަށް ވިޔަސް އައިއެސް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކާ އެއްގަމު މަގުން ކުރިމަތިލައިގެން މިހާތަނަށް އެމެރިކާ އަށް އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެ އެވެ. އިރާގާއި އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް އެއްގަމު މަގުން އެމެރިކާ ހިންގާފައިވާ އަސްކަރީ އޮޕަރޭޝަންތަކުން މިކަން ވަރަށް ރަނގަނޅަށް ހާމަވެގެން ގޮސްފައިވެ އެވެ. އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތާދެކޮޅަށް އެއްގަމުމަގުންނާއި ވައިގެ މަގުން 12 އަހަރުވަންދެން އެމެރިކާ ކުރިހަނގުރާމައިގާ ވެސް ތާލިބާނުން ބަލިކޮށްލުމުގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިން ކަމުގައިވާ ނޭޓޯގެ ގައުމުތަކުގެ ބާރުގަދަ ލަޝްކަރުތައް ވަނީ ނާކާމިޔާބުވެފަ އެވެ.
އަނެއްކޮޅުން އަފްޣާނިސްތާނާއި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް އެމެރިކާ ދެމުންގެންދާ ވައިގެ ޙަމަލާތަކުގައި ވެސް ގިނައިން މަރުވެ އަދި ފަނާވަމުން ދަނީ އެދެގައުމުގެ ކުށެއްނެތް އާންމު ރައްޔިތުންނެވެ. އެހެންކަމުން އައިއެސްއާ ދެކޮޅަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ދިނުމަށް ތައްޔާރުވަމުންދާ ޙަމަލާތަކުގައި ވެސް ގިނައިން މަރުވާނެ ކަމަށް ބެލެވިފައި ވަނީ އިރާގުގެ ކުށެއްނެތް އާންމުން ކަމަށް ވަނީ ބެލެވިފަ އެވެ. އެމެރިކާ މިހާރު އައިއެސްއާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކުގައި ވެސް އިރާގުގެ އާންމުން މަރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އެމެރިކާ ވެސް އަދި އިރާގު ސަރުކާރުވެސް މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފައެއްނުވެ އެވެ. އަދި ހުޅަނގުގެ މީޑިޔާއިން ވެސް މިކަމާއަޅާލާފައެއް ނުވެ އެވެ.
އަސްކަރީ މުޙައްލިލުން ވަނީ ހަމައެކަނި ވައިގެ މަގުން ހަމަލާތައް ދީގެން އައިއެސް ފަދަ ބާރުގަދަ ޖަމާއަތެއް ބަލިކޮށްލުމަކީ އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނަށް ކުރެވިދާނެ ކަމެއްތޯ ސުވާލު އުފައްދާފަ އެވެ. (ރޮއިޓާސް)