15 Sep 2014, 01:10
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ކަމާ ލުއިސް ވެން ހާލް ހަވާލުވިފަހުން އެޓީމު އިނގިރޭސި ލީގުގެ މެޗަކުން ފުރަތަމަ ފަހަރަށް މޮޅުވެއްޖެ އެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރަފޮޑްގައި މިރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ ކްއީން ޕާކް ރޭންޖާސް (ކިއުޕީއާރު)އާ ވާދަކޮށް 4-0 ލަނޑުންނެވެ.
ސީޒަންގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވަނީ، އަމިއްލަ ދަނޑުގައި ސުވަންސީ ސިޓީއަތުން 2-1 ލަނޑުން ބަލިވެފައެވެ. އޭގެ ފަހުން ރަށުން ބޭރުގައި ކުޅުނު ދެމެޗުގެ ތެރެއިން، އެއް މެޗުގައި ސަންޑަލޭންޑް އަތުން 1-1 އިން އަދި ބާންލީ އަތުން ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފައެވެ.

އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ކިއުޕީއާާރު އަތުން 4-0 ލަނޑުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގެތެރެއިން -- ފޮޓޯ: އޭޕީ
މި މެޗުގައި ވެން ހާލުގެ އިރުޝާދުގެ ދަށުން އަލަށް ރުކުރުވާލި ޔުނައިޓެޑްގެ ސަފުތަކުގެ ފެންވަރު ދައްކާލާފައިވާއިރު، ލޯނުއެއް ބަސްވުމެއްގައި، އޭއެސް މޮނާކޯއިން ޔުނައިޓެޑަށް ބަދަލުވި ކޮލަމްބިއާ ފޯވާޑް ރަޑެމަލް ފަލްކާއޯ ވަނީ، ފުރަތަމަ ފަހަރަށް ޔުނައިޓެޑްގެ ޖާޒީގައި މިރޭ ކުޅެން ނުކުމެފައެވެ. އަދި ހަމަ އެހެންމެ ރެކޯޑް ފީއަކަށް ރެއާލް މެޑްރިޑުން ޔުނައިޓެޑާ ގުޅުނު އާޖެންޓީނާ މިޑްފީލްޑަރު އެންޖަލް ޑި މަރިއާ އާއި، އެޓީމުގެ ސްޕެނިޝް ފޯވާޑް އެންޑަ ހެރޭރާ ވަނީ، ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.

އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ކިއުޕީއާާރު އަތުން 4-0 ލަނޑުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގެތެރެއިން -- ފޮޓޯ: އޭޕީ
މި މެޗުގައި، ޑި މަރިއާ އާއި، ހެރޭރާ އަދި ހުއާން މަޓާގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ.
ޔުނައިޓެޑާ އަލަށް ގުޅުނު ޑެލީ ބްލައިންޑާއި، މާކޯސް ރޯޖޯވެސް ފުރަތަމަ 11 އިން ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު، ބަލިކަށި ކުޅުމެއް ދައްކަމުންދިޔަ ކިޔުޕީއާރުގެ ގޯލަށް ވައްދައިލީ، މެޗުގެ 24 ވަނަ މިނިޓްގައި ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމަކުން ޑި މަރިއާ އެވެ. އަދި ކެޕްޓަން ވޭން ރޫނީ ތަނަވަސްކޮށްދިން ފުރުސަތަކުން 37 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު ކާމިޔާބުކުރީ، ހެރޭރާއެވެ.

އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ކިއުޕީއާާރު އަތުން 4-0 ލަނޑުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގެތެރެއިން -- ފޮޓޯ: އޭޕީ
ފުރަތަމަ ހާފް ނިމެން މިނިޓަކަށް ވެފައި ވަނިކޮށް، ހެރޭރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔުނައިޓެޑްގެ ތިން ވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ކެޕްޓަން ރޫނީ އެވެ. އަދި އެޓީމުގެ ފަހު ލަނޑު މެޗުގެ 58 ވަނަ މިނިޓްގައި ޖަހައިދިނީ ޑި މަރިއާގެ އެސިސްޓަކުން، ޗެލްސީގެ ކުރީގެ މިޑްފީލްޑަރު މަޓާއެވެ.

އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ކިއުޕީއާާރު އަތުން 4-0 ލަނޑުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގެތެރެއިން -- ފޮޓޯ: އޭޕީ
މި ނަތީޖާއާއެކު، ލީގުގައި ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ޔުނައިޓެޑް ވަނީ، ތާވަލުގެ 9 ވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި އިއުޕީއާރު ވަނީ ހަތަރު މެޗުން ތިން ޕޮއިންޓާއެކު ތާވަލުގެ 16 ވަނައަށް ވެއްޓިފައެވެ.
ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި 12 ޕޮއިންޓާއެކު މިވަގުތު އޮތީ ޗެލްސީއެވެ. 10 ޕޮއިންޓާއެކު އެސްޓަން ވިލާ ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި 9 ޕޮއިންޓާއެކު އޮތީ ސުވަންސީ ސިޓީ އެވެ.