15 Sep 2014, 00:21
ޗައިނާގެ ޒަމާންވީ ރަހްމަތްތެރިއެއް ކަމަށްވާ، ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާ ބައްދަލުކުރެއްވުމަށް، ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެދިވަޑައިގެންފި އެވެ.
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޔިން ޖުން މިރޭ 'ސަން'އަށް ވިދާޅުވީ، ރާއްޖޭގެ ކުރީގެ ރައީސް މައުމޫނާ ބައްދަލުކުރެއްވުމަށް ޗައިނާގެ ރައީސް ބޭނުންފުޅުވަނީ، ރައީސް މައުމޫނަކީ އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރުގައި ޗައިނާ ސަރުކާރާ ވަރަށް ގާތް ގުޅުމެއް ބޭއްވި ބޭފުޅަކަށް ވާތީ ކަމަށެވެ.
"ރައީސް މައުމޫނަކީ، އެމަނިކުފާނުގެ ވެރިކަމުގައި ޗައިނާއަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ޒިޔާރަތްކުރެއްވި، އަދި ޗައިނާއާ ވަރަށް ގާތްގުޅުމެއް ބޭއްވެވި ބޭފުޅެއް. އެހެން ކަމުން އަޅުގަނޑުމެންގެ ރައީސް ބޭނުންފުޅުވަނީ، ރާއްޖެއަށް މިފަދަ ދަތުރުފުޅެއްގައި ޒިޔާރަތް ކުރެއްވުނު ފަހަރު، 'ޒަމާންވީ ރަހްމަތްތެރިޔާއާ' ބައްދަލުކޮށް ލެއްވުމަށް،" ސެކަންޑް ސެކްރެޓަރީ ވިދާޅުވި އެވެ.
ރައީސް މައުމޫނާ ބައްދަލުކުރެއްވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބޭނުންފުޅުވާ ސަބަބުތަކުގެ ތެރޭގައި، ވެރިކަމުގައި ހުންނެވި ދުވަސްވަރުގައި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ފަދައިން ވެރިކަން ނިމުނުފަހުން މިއަދާހަމައަށް ވެސް މެދުކެނޑުމެއް ނެތި ތަފާތު ގޮތްގޮތުން ގައުމީ ހިދުމަތުގައި ރައީސް މައުމޫން އުޅުއްވުން ހިމެނޭ ކަމަށް ޔިން ޖުން ވިދާޅުވި އެވެ.
"ކުރީގެ ރައީސް މައުމޫނު އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރެކޭ އެއްގޮތަށް މިހާރުވެސް ގެންދަވަނީ، ގައުމަށް ހިދުމަތް ކުރައްވަމުން. އެހެން ކަމުން އެފަދަ ބޭފުޅަކާ ބައްދަލުކުރައްވައި ދެގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުން އެއީ ވެސް، ރައީސް ޝީ ޖިންޕިންގް ބޭނުންފުޅެއް،" ޝީ ޖިންޕިންގް މައުމޫނާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ސަބަބުތައް ހާމަކުރައްވަމުން ޔިން ޖުން ވިދާޅުވި އެވެ.
މި ދެބޭފުޅުންގެ ބައްދަލުކުރެއްވުން ހަމަޖެހިފައިވަނީ ކޮންތަނެއްގައި ކަން، ޗައިނާ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ހާމައެއް ނުކުރައްވައެވެ. އެހެން ނަމަވެސް، ރައީސް ޝީ ޖިންޕިންގް، ކުރީގެ ރައީސް މައުމޫނާ ބައްދަލުކުރައްވާއިރު، ޗައިނާ ސަރުކާރުގެ ވަފުދުގެ އިސް ބޭފުޅުން ވެސް އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޝީ ޖިންޕިންގްގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި، ސަރުކާރުގެ އިސް ވެރިންނާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ޔިން ޖުން ވިދާޅުވި އެވެ.