ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުންގެ މެދުގައި ހިލޭ ފޯންކޯލް ކޮށް އެސްއެމްއެސް ކުރެވޭނެ ހިދުމަތެއް އުރީދޫއިން އެ އޮފީހަށް ތައާރަފްކޮށްފި އެވެ.

ޕީޖީ އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ އޮފީހުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޑިރެކްޓަރު ޖެނެރަލް ޒަކަރިއްޔާ ހުސެއިންނެވެ. އުރީދޫގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ އެވެ.

އުރީދޫން ބުނީ، އެ އެއްބަސްވުމުގެ ދަށުން އުރީދޫގެ މޯބައިލް ވާޗްއަލް ޕްރައިވެޓް ނެޓްވޯކްގެ ހިދުމަތް މެދުވެރިކޮށް ޕީޖީ އޮފީޯހުގެ މުވައްޒަފުންގެ މެދުގައި ހިލޭ ފޯން ކޯލާއި އެސްއެމްއެސް ފޮނުވޭނެ ކަމަށެވެ.

އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އެ ހިދުމަތް މެދުވެރިކޮށް ގްރޫޕުގެތެރޭގައި ގުޅާލެވުމުގެ އިތުރުން ކޯޕަރޭޓް ކޮމިއުނިކޭޝަންއަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމަށެވެ.

"ކޯޕަޭޓް ބޭނުންތަކަށް މިޕެކޭޖް އެންމެ ހާއްސަވާ އަނެއް ސަބަބަކީ އޮފީސްތަކުން އެ ކުންފުނިތަކުގެ މުވައްޒަފުންގެ ފޯނުގެ ހަރަދު ފަސޭހަކަމާއެކު ކޮންޓްރޯލް ކުރެވޭތީ،" ސީއީއޯ ވިކްރަމް ވިދާޅުވި އެވެ.

އުރީދޫން އެ ހިދުމަތްދޭ އިތުރު އޮފީސްތަކުގެ ތެރޭގައި ގައުމީ ދިފާއީބާރު ކަމުގައިވާ ސިފައިންނާއި ފުލުހުންގެ އިތުރުން ގިނަ ރިސޯޓްތައް ހިމެނެއެވެ.