14 Sep 2014, 18:13
ސްޕޯޓްސް އެރީނާ ގާއިމް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރެއިން އދ. މާމިގިލީގައި ގާއިމް ކުރާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށްދާ ދުވެލި ރަގަނޅު ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
ހަފްތާ ބަންދުގައި މާމިގިއްޔަށް ކުރެއްވި ދަތުރުފުޅެއްގައި މިނިސްޓަރު މަލީހު ވަނީ، މާމިގިލީގައި އަޅަމުންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ޒިޔާރާތް ކުރައްވައި އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ.
މިނިސްޓަރު ވަނީ ދަނޑުގެ މަސައްކަތް ކުރިއަށްދާ ދުވެއްޔާ މެދު ހިތްހަމަ ޖެހުން ފާޅު ކުރައްވައި ދަނޑުގެ މަސައްކަތް އަވަސް މުއްދަތެއްގައި ނިންމުމަށް މަސައްކަތް ކުރިއަށް ގެންދާ ފަރާތުގައި އެދި ވަޑައިގެންފައެވެ.
މާމިގިލީގައި ޔޫތު މިނިސްޓްރީގެ ފަރާތުން ގާއިމް ކުރަމުންދާ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މި ދަނޑަކީ މިނިސްޓްރީން އެންމެ އަވަހަށް ހުޅުވުމަށް ހަމަޖެހިފައިވާ ދަނޑުތަކުގެ ތެރޭގައި ހިމެނޭ ދަނޑެއްކަން ކުޅިވަރާބެހޭ މިނިސްޓްރީ ވަނީ ފާހަގަކުރައްވައިފައެވެ.
ޔޫތު މިނިސްޓްރީން ބުނީ، މާމިގިލީ ފުޓްސަލް އެރީނާގެ އެހެނިހެން ބައިތަކުގެ މަސައްކަތް، މިހާރު އަޅަމުންދާ ފުޓްސަލް ދަނޑު ނިމުމާއެކު ފެށުމަށްހަމަ ޖެހިފައިވާ ކަމަށެވެ.