ޗައިނާގެ ރައީސް ޒީ ޖިންޕިންގް ރާއްޖެ އަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ދެންމެ ރާއްޖެ ވަޑައިގެންފި އެވެ. ރައީސް ޝީ ޖިންޕިންގް ގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ވެސް ރާއްޖެއަށް ވަޑައިގެންނެވި އެވެ.

ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕެންގ ލިއުއާން، މިއަދު ހަވީރު ރާއްޖެ ވަޑައިގަތުމުން އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދެކަނބަލުންނެވެ.

އަދި، ޗައިނާގެ ރައީސަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނާ އެއް އެރުވުނެވެ.

ޗައިނާގެ ރައީސް އާއި ރާއްޖޭގެ ރައީސް އެއާޕޯޓްގައި --

ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އާ އެކު ރަސްމީ ގޮތުން ބައްދަލުކުރެއްވުން މާދަމާ އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި، ދެ ގައުމުގެ އެންމެ މަތީ ފެންވަރުގެ ވަފްދުތަކުގެ މެދުގައި ރަސްމީ ވާހަކަތައް ވެސް މާދަމާ ބޭއްވުމަށް ވަނީ ހަމަޖައްސަވައިފަ އެވެ. އޭގެ އިތުރުން ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގާ ތަރައްގީގެ ދެ މަޝްރޫޢެއް އިފްތިތާޙް ކުރެއްވުމާއި ދެ ގައުމުގެ ދެމެދުގައި ތަފާތު ދާއިރާތަކުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުން ވެސް ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ މިދަތުރުފުޅުގެ ތެރޭގައި ހިމެނިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޗައިނާގެ ރައީސަކު ދިވެހި ރާއްޖެ އަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާ މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ 42 އަހަރު ކުރިން، 1972 ވަނަ އަހަރުން ދެ ގައުމުގެ ދެމެދުގައި ވަނީ ޑިޕޮލަމެޓިކް ގުޅުން ގާއިމުކޮށްފަ އެވެ.
ޗައިނާގެ ރައީސް އަށް މަރުހަބާ ދެންނެވި ތުއްތު ކުއްޖަކާ އެ މަނިކުފާނު ސަލާމް ކުރައްވަނީ

ޗައިނާގެ ރައީސްގެ ނަންފުޅުގައި މިއަދު ސަންގައި ޝާއިއު ކުރި އާޓިކަލްއެއްގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ ޗައިނާ އާއި ދިވެހި ރާއްޖޭގެ އެކުވެރިކަމުގެ ނައު މި ވަނީ ރިޔާތައް ކޮށައިލައި، ބާރު ދުވެލީގައި މާކަނޑަށް ނުކުމެފައި ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ، ސީނުކަރަ އާއި ދިވެހި ރާއްޖެއާ ދެ ޤައުމު ގުޅިގެން ކުރާ މަސައްކަތްތަކާ އެކު، އެ ނައު ދާނީ ޖެހޭ ވަޔާއި ހިނގާ އޮއިގެ ހުރިހާ ތަޙައްދީތަކެއް ބަލި ކުރަމުން ކުރިޔަށް ކަމާ މެދު އެމަނިކުފާނު ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށެވެ. އަދި ދިވެހި ރާއްޖެ އާއި ސީނުކަރައިގެ ދަތުރުގެ ކުރިމަގު އޮތީ ނުހަނު އުޖާލާކޮށް ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ޗައިނާގެ ރައީސްގެ ލިޔުއްވުމުގައިވެ އެވެ.