މި އަހަރު ހައްޖަށް ދިއުމަށް ފަތުހު ޖަމާއަތަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ސަރުކާރުން މި އަހަރު ހައްޖަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ވީސާ ލިބިފައިވާ މީހުން އެކަނި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މިއަދު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ޖަމާއަތުގެ އެހީގައި 225 މީހަކު ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ކަމަށާއި ނަމަވެސް މި އަހަރު ސަރުކާރުން ހަރަދުކޮށްގެން ހައްޖަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ އޭގެ ތެރެއިން ހައްޖަށް ދިއުމަށް ވިސާ ޖައްސާފައިވާ 118 މީހުން އެކަނި ކަމަަށެވެ.

ޝަހީމް ވިދާޅުވީ ސަރުކާރުން ހަރަދުކޮށްގެން އެ މީހުން ހައްޖަށް ގެންދިއުމުގެ ކަންތައްތައް ކުރަމުން ގެންދަނީ ސައުދީން ރާއްޖެ އަށް ދީފައިވާ ކޯޓާ ސަލާމަތް ކުރުމަަށް ކަމަށެވެ. އަދި އެ މީހުންނަށް ސަރުކާރުން ކުރާ ހަރަދު ފަތުހު ޖަމާއަތުގެ ވެރިފަރާތުން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން އެ މީހުން ހައްޖަށް ގެންދަނީ ރާއްޖެ އަށް ދީފައިވާ ކޯޓާ ސަލާމަތް ކުރުމަށާއި މުސްތަގުބަލުގައި ސައުދީން ރާއްޖެ އަށްދޭ ކޯޓާ މަދުކޮށްދާނެތީ، ވިސާ ޖައްސާފައި އެ މީހުން ނުގޮސްފި ނަމަ ކޯޓާ މަދުކޮށްފާނެ. އެހެންވެ ވިސާ ޖައްސާފައިވާ މީހުން އެކަނި މިގެންދަނީ،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެމީހުން ގެންދިއުމަށް ސަރުކާރުން ކުރާ ހަރަދުތައް ފަތުހު ޖަމާއަތުގެ ވެރިފަރާތުގެ ގޮދޮރު ވިއްކާފައި ނަމަވެސް އެ ފައިސާ ސަރުކާރުން ނަގާނެ ކަމަށާއި ފުލުހުންނާ ގުޅިގެން އެ ފަރާތުގެ ހުރިހާ އެސެޓްތަކާ ބެހޭ މައުލޫމާތު ހޯދަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ޖަމާއަތަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިއަދު ވަނީ އިސްލާމިކް މިނިސްޓަރާ ބައްދަލުކޮށްފަ އެވެ. އެމީހުންނަކީ އެ ޖަމާއަތަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ހައްޖަށް ދިއުމަށް ވިސާ ނެތް މީހުންނެވެ.

ޝަހީމް ވިދާޅުވީ އެ ޖަމާއަތަށް ފައިސާ ދައްކާފައި ހުރި މީހުންގެ ތެރެއިން ވިސާ ޖައްސާފައިނުވާ މީހުންނާ މެދު އަމަލު ކުރާނެ ގޮތަކާ މެދު ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.