19 Jan 2011, 15:27
ގުޅިފަޅުގައި 2500 ފްލެޓް އިމާރާތް ކުރުމުގެ ކޮންޓްރެކްޓްގައި ވަރަށް އަވަހަށް ސޮއިކުރައްވާނެ ކަމަށާއި އެއާ އެކު ގުޅިފަޅާއި ވިލިނގިއްޔާ ދެމެދު ބުރިޖަކުން ގުޅާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލްގައި ގަލޮޅު އުތުރު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވާ އަފްރާހު ހަލީލުގެ ޖަގަހަ ހުޅުއްވައިދެއްވުމަށް ފަހު، ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ރޭ ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް އޮތް ހަމައެކަނި ހައްލަކީ ފުލެޓް އެޅުން ކަމަށާއި "އަޅުގަނޑުމެންނަކީ ފުލެޓްގެ ބައެއް" ކަމަށާއި "އަޅުގަނޑަކީ ފުލެޓް ދޮންބެ" ކަމަށެވެ.
"މާލޭގެ މައްސަލަތަކަށް ހައްލުހޯދުމަކީ އުނދަގޫ ކަމެއް. އެހެން ނަމަވެސް އެއްވެސްހާލެއްގައި އެއީ ނުވާނެ މިންވަރުގެ ކަމެއް ނޫން. މި ސަރުކާރުން މިވަނީ އެއްއަށް ބޭނުންވާ ހިސާބު ޖަހާފައި. މި ޕާޓީ އަށް މިވަނީ އެއަށް ބޭނުންވާ ވިސްނުން ގެނެވިފައި. އަޅުގަނޑުމެން އެންމެނަށް މިވަނީ އެކަން ކުރުމުގެ ހިތްވަރު ލިބިފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ގަލޮޅުގެ ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގަލޮޅަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް މިސަރުކާރުން ހައްލުހޯދައިދޭނެ ކަމަށެވެ. އެގޮތުން މުޅި މާލޭގެ ހައްލު ހޯދުމަށް ސަރުކާރުން ރާވާ ރޭވުންތަކުގެ ދަށުން ގުޅިފަޅުގައި 2500 ފްލެޓް އެޅުމަށް ވަރަށް އަވަހަށް ކޮންޓްރެކްޓްގައި ސޮއިކުރާނެ ކަމަށެވެ.
ގުޅިފަޅުގައި ފްލެޓް އެޅުމާ އެކު، ގުޅިފަޅާއި ވިލިނގިއްޔާ ދެމެދު ބުރިޖަކުން ގުޅާލާނެ ކަމުގެ ވައުދު ރައީސް ނަޝީދު ވައުދުވެވަޑައިގަތެވެ.
ރައީސް އިތުރަށް ވިދާޅުވީ އިޖުތިމާއީ ރާއްކާތެރިކަމުގެ ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ އެމްޑީޕީގެ ފިކުރުގެ ކެންޑިޑޭޓުން މާލޭ ސިޓީ ކައުންސިލަށް ހޮވައިގެން ކަމަށާއި ތަރައްގީއަށް ޓަކައި ސާދާ އެމްޑީޕީ އަގުލަބިއްޔަތެއް އޮތުން ކޮންމެހެން މުހިއްމު ކަމަށެވެ. އަދި "ޑިމޮކްރަސީއެއްގެ ޅަފަތުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތެއް ނެތިއްޖެ ނަމަ އެއްވެސް މުއައްސަސާއަކުން ހަރުދަނާ މަސައްކަތެއް ނުނިންމޭނެ." ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ލޯކަން ކައުންސިލް އިންތިހާބަށް 15 ދުވަހަށް ވެފައިވާ އިރު، ރައީސް ނަޝީދު މާލޭގައި ހުޅުވި އެމްޑީޕީގެ ފަސް ވަނަ ޖަގަހައިގައި ވެސް ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ، އުފާވާ ޒަމާނަކަށް ދިވެހިންނަށް ދެވޭނީ އެމްޑީޕީގެ ފިކުރަށް ވޯޓްދީގެން ކަމަށް ދައްކަވާ ވާހަކަފުޅު ތަކުރާރު ކުރައްވަމުންނެވެ.