14 Sep 2014, 17:12
ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރަނީ ޒުވާނުން ކަމަށާއި އެހެންކަމުން ޑިމޮކްރަސީ ހަރުދަނާކުރުމަށް ޒުވާނުންގެ ބައިވެރުވުން އިތުރުކުރަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
މިއަދަކީ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަސްކަމުން އެ ދުވަހާ ގުޅުވައިގެން އެޗްއާރުސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖެ އަށް ނަޒަރުހިންގާ ގައުމުގެ އެންމެބޮޑު ރައުސުލްމާލަކީ ޒުވާނުންކަމަށް ވެފައި ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބައި ހިއްސާކުރަނީ ޒުވާނުންކަމުން ޑިމްކޮރަސީ ހަރުދަނާކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ ކަމަށެވެ.
އެގޮތުން ސިޔާސީ ޕާޓީތަކާއި ސިޔާސީ އެކިއެކި ހަރަކާތްތައް ހިންގާ ފަރާތްތަކުން ވެސް ޑިމޮކްރަސީ ކުރިއެރުވުމަށް ޓަކައި ޒުވާނުންނަށް ފުރުސަތުތައް ފުޅާކޮށްދޭން ޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ޑިމޮކްރަސީގެ ހަމަތަކަށް ތަބާވެ ރައްޔިތުން ބާރުވެރިކުރުވާ ރައްޔިތުންނާ ގާތުން ހިދުމަތްދީ ސިޔާސީ އަދި މަދަނީ ހައްގުތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ވެރިކަމުގެ ބާރުތަކުން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިއަހަރުގެ ޑިމޮކްރަސީ ދުވަހަށް އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިއާރަކީ "އެންމެން ބައިވެރިވާ ޑިމޮކްރަސީ؛ ހިއްސާކުރުން، ކުރިއެރުވުން، ތަރައްގީކުރުން އަދި ފަރުމާކުރުން" އެވެ. މާނައަކީ ގައުމުގެ އެންމެހައި ކަންކަމުގައި ރައްޔިތުންގެ ހިއްސާ އިތުރުކޮށް ރައްޔިތުންނަށް ބޮޑަށް ބައިވެރިވެވޭނެ ގޮތައް ރައްޔިތުން އެދޭ ތަރައްގީ ގެނައުމަށް ޓަކައި ދައުލަތާއި ސަރުކާރުގެ މުއައްސަސާތަކުން ވެރިކަމުގެ ނިޒާމް ފަރުމާކޮށް ހިންގުން ހަރުދަނާ ކުރުމެވެ.
އެ ޝިއާރާ ގުޅިގެން ޑިމޮކްރަސީގެ އުސޫލުތައް ހިފެހެއްޓުމާއި ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތައް ކަންތައްތައް ނިންމުމުގައި ރައްޔިތުންގެ އަޑުއެހުމަށާއި ރައްޔިތުންގެ ހިޔާލުތަކަށް ޖާގަދިނުމަށް އެޗްއާރުސީއެމް އިން ގޮވާލަ އެވެ.