ފުރަތަމަ މެޗުގައި އިންޑިއާ އަތުން ތަފާތު ބޮޑުކޮށް ބަލިވި ކަމުގައިވީ ނަމަވެސް އެ ނަތީޖާ ގޯސް ނޫންކަމަށް، 17 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު، އިބްރާހީމް ހަލީމު (ޖަޑާ) ބުނެފި އެވެ.

ކޮރެއާގެ އިންޗިއޮންގައި މިއަދު ފެށި، 17 ވަނަ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ އަންހެނުންގެ ބައިގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން މިއަދު އިންޑިއާ އަތުން ވަނީ 15-0 ލަނޑުން ބަލިވެފައެވެ.

"އަދި ކިރިޔާ އަންހެނުންގެ ފުޓްބޯޅަ ރާއްޖޭގައި ފެށިގެން މިއުޅެނީ. އިންޑިއާ އާއި ރާއްޖެއާ ދެމެދު ހުރި ތަފާތު މެޗު ބެލި ކޮންމެ މީހަކަށް ވެސް ފެނިގެންދާނެ،" ގައުމީ އަންހެން ޓީމުގެ ކޯޗު ބުންޏެވެ.

ކޯޗު ޖަޑާ ބުނީ، ރާއްޖޭ ޓީމުން މެޗު ފެށީ ވަރަށް ރަނގަޅަށް ކަމަށާއި، އަދި ހުރިހާ ކުޅުންތެރީންގެ ފަރާތުން ވެސް ހިތްހަމަ ޖެހޭފަދަ ކުޅުމެއް ފެނުނު ކަމަށެވެ. އެހެން ނަމަވެސް ލިބުނު ފުރުސަތުގެ ބޭނުން ނުހިފި ދިއުމުން އޭގެ އަސަރު ޓީމަށް ކުރީ ކަމަށެވެ.

17 ވަނަ އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަކުރާ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު އިބްރާހީމް ހަލީމް (ޖަޑާ) ޓީމަށް އިރުޝާދު ދެނީ -- ފޮޓޯ: ޝިމާޒް ޢަލީ

"އެކުދިން ވަރަށް މަސައްކަތް ކުރި. މެޗު ފެށިތަނުން ކީޕަރު ކަޓުވާލާފައި ލިބުނު ބޯޅަ ގޯލަށް ވަތް ނަމަ މިނަތީޖާއެއް ނޫން ނުކުންނާނީ،" މެޗުގެ ދެވަނަ މިނިޓްގައި ރާއްޖޭ ޓީމުގެ ހައްވާ ހަނީފާއަށް ލަނޑު ޖަހަން ލިބުނު ރަނުގެ ފުރުސަތު ގެއްލިފައިވާކަން ފާހަގަކޮށް ކޯޗު ބުންޏެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ވެސް އިންޑިއާ ޓީމުން ވަނީ، ރާޖޭގެ ގޯލަށް 9 ލަނޑު ޖަހައިފައެވެ. އަދި ބާކީ ހަ ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްފައި ވާއިރު، އިންޑިއާ ޓީމުގެ ވިންގާ ސަސްމީތާ މާލިކް ވަނީ ރާއްޖޭ ކޮޅަށް ފަސް ލަނޑު ޖަހައިފައެވެ. އަދި އެޓީމުގެ މިޑްފީލްޑަރު ކަމްލާ ދޭވީ ވެސް ރާއްޖޭ ކޮޅަށް ހަތަރު ލަނޑު ޖެހިއެވެ.

ކޯޗު ބުނީ، ރާއްޖޭ ޓީމުގެ ޓީމުގައި ފެންވަރު ރަނގަޅު މަދު ކުޅުންތެރީން ތަކެއް އެބަ ތިބި ކަމަށާއި އެފަދަ ގިނަ ކުޅުންތެރިން ތަކެއް ތިބި ނަމަވެސް ރާއްޖޭގެ ކުޅުން މިއަށްވުރެ ވަރުގަދަކޮށް ފެނިގެން ދާނެ ކަމަށެވެ.
މިއަދު ކުޅުނު މެޗުގައި ރާއްޖޭ ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރު، ބޯޅަ ހޯދަން މަސައްކަތް ކުރަނީ -- ފޮޓޯ: ޝިމާޒް ޢަލީ

"އިންޑިއާ އަކީ ރާއްޖެއާ އަޅާބަލާއިރު މާ ކުރީގަ އުޅޭ ޓީމެއް. ރާއްޖޭ ޓީމުގެ ފަދުވާގެ ކުޅުން ރަނގަޅު. އެފަދަ ގިނަ ކުޅުންތެރީން ތަކެއް ތިބެގެން ރަނގަޅު ނަތީޖާއެއް ނެރެވޭނީ،" ކޯޗު ޖަޑާ ބުންޏެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގެރޫޕް "އޭ" ގައި ހިމެނެނީ، އިންޑިއާގެ އިތުރުން ތައިލެންޑާއި މުބާރާތް ބާއްވާ ކޮރެއާ ރިޕަބްލިކްގެ ޓީމެވެ.

މި މުބާރާތުގައި ރާއްޖޭގެ ގައުމި އަންހެން ޓީމު ކުޅޭ ދެވަނަ މެޗުގައި އަންނަ ބުދަ ދުވަހު ވާދަކުރާނީ ތައިލެންޑާއެވެ. އަދި ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ރާއްޖެ ވާދަކުރާނީ މި މަހުގެ 21 ވަނަ ދުވަހު ކޮރެއާ ދެކޮޅަށެވެ.