14 Sep 2014, 15:43
އުރީދޫ އިން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދާ ނެޓްވޯކް މޮޑަނައިޒޭޝަންގެ ޕްރޮޖެކްޓްގެ ދަށުން ކ. ދިއްފުއްޓާ އެކު އިތުރު 30 ރަށަކަށް ތްރީޖީ ޕްލަސް ނެޓްވޯކް ތައާރަފުކޮށްފި އެވެ.
މި އަހަރު ޖުލައި މަހު ފަށައިގެން ކުރިއަށްގެންދާ އެ ޕްރޮޖެކްޓްގެ ދަށުން މިއަދު ކ. ދިއްފުއްޓަށް ތްރީޖީ ޕްލަސް ނެޓްވޯކް ދޫކޮށްފައިވާ އިރު އުރީދޫ އިން ވަނީ މި އަހަރު ނިމެންވާ އިރަށް ރާއްޖޭގެ އެކި ހިސާބުތަކުން ޖުމްލަ 64 ރަށަކަށް ތްރީޖީ ޕްލަސް ނެޓްވޯކް ތައާރަފުކުރަން އަމާޒު ހިފާފަ އެވެ. އެގޮތުން އެ ޕްރޮޖެކްޓްގެ ދަށުން އުރީދޫ އިން މިއަދު ވަނީ ރާއްޖޭގެ 30 ރަށަކަށް ތްރީޖީ ޕްލަސް ނެޓްވޯކް ތައާރަފުކޮށްފަ އެވެ.
ދިއްފުއްޓަށް ތްރީޖީ ޕްލަސް ނެޓްވޯކް ތައާރަފުކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އުރީދޫގެ ފުރިހަމަ ނެޓްވޯކް ފޯރުކޮށްދޭން އުރީދޫ އިން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލެފަދަ ބޮޑަތި އާބާދީތައް އޮންނަ ސިޓީތަކުގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި ހުންނަ ރަށްރަށަށް ވެސް އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު ނެޓްވޯކް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެފައިވާ ވައުދުގެ ދަށުން މިދަނީ އެންމެ ފުރިހަމަ ނެޓްވޯކް ގިނަ ރަށްތަކަށް ފުޅާކުރަމުން. މިއަދު ދިއްފުއްޓާއި އިތުރު 20 ރަށަކަށް މިވަނީ ތްރީޖީ ޕްލަސް ނެޓްވޯކް ތައާރަފް ކޮށްފައި. މި ޕްރޮޖެކްޓްގެ ސަބަބުން އަޅުގަނޑުމެންގެ އިތުރުވަމުންދާ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ނެޓްވޯކްގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެޙީގައި ދިރިއުޅުން އިތުރަށް ފުރިހަމަކޮށްލެވޭނެ،" ވިކްރަމް ސިންހަ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް އާނިސް ވިދާޅުވީ އެ ރަށަށް ތްރީޖީ ޕްލަސް ނެޓްވޯކް ލިބިގެން ދިއުމަކީ އެއީ ރަށުގެ ރައްޔިތުން ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި ގެސްޓްހައުސް ފަދަ ތަންތަން ކުރިއަރަމުން އަންނަ ރަށަކަށް ދިއްފުށިވާ އިރު އެރަށު ރައްޔިތުން މިހާދުވަސް ވަންދެން ތިބެން ޖެހުނި ފުރިހަމަ އިންޓަނެޓެއްގެ ހިދުމަތް ނުލިބިފައި ކަމަށާއި މިއަދު އުރީދޫން ތައާރަފުކުރި ހިދުމަތާ އެކު އެ މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އުރީދޫ އަކީ ދިއްފުށީގައި ތްރީޖީ ޕްލަސް ނެޓްވޯކްގެ ހިދުމަތް ތައާރަފްކުރި ފުރަތަމަ ކުންފުންޏެވެ. އޭގެ އިތުރުން އުރީދޫ ފޯޖީ ނެޓްވޯކް ވެސް ރާއްޖެއަށް އިތުރަށް ފުޅާކުރުމުގެ މަސައްކަތް އުރީދޫ އިން މިހާރު ވަނީ ފަށާފަ އެވެ.