14 Sep 2014, 15:14
އިރާގާއި ސޫރިޔާ އިން ބައެއްގައި "ދައުލަތުލް އިސްލާމިއްޔާ"ގެ ނަމުގައި އުފައްދާފައިވާ ދައުލަތާ ދެކޮޅަށް ހަނގުރާމަކުރަން މިސްރުގެ އެއްގަމު ސިފައިން ފޮނުވުމަށް އެގައުމުން އެއްބަހެއް ނުވި އެވެ.
މިސްރު އަލް މަސްރީ އަލް ޔައުމު ނޫހުން އިއްޔެ ބުނީ އިސްލާމިކް ސްޓޭޓް( އައިއެސް) ޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރަން އެމެރިކާ އިސްވެ އޮވެ ކުރަން އުޅޭ ހަނގުރާމައިގައި ބައިވެރިވުމަށް އިރާގާއި ސޫރިޔާއަށް ސިފައިން ފޮނުވަން މިސްރު ސަރުކާރުން ދެކޮޅުހަދާފައިވާ ކަމަށެވެ. އަދި ބުނީ މިސްރުން އެކަމާ ދެކޮޅު ހެދީ އެކަމަށްޓަކައި ގާނޫނީ އަދި ދުސްތޫރީ ހުއްދަ ބޭނުންވާނެ ކަމެއް ކަމަށް ވާތީ އާއި މިސްރުން މިހާރުވެސް އަންނަނީ ސްޓްރެޓެޖިކް ބޯޑަރުތަކެއްގައި ޓެރަރިސްޓުންނާ ހަނގުރާމަކުރަމުން ކަމަށް ވާތީ ކަމަށް އެނޫހަށް އެނގިފައިވާ ކަމަށެވެ.
އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރުމަށް އެމެރިކާއިން އުފައްދާފައިވާ އިއްތިހާދު ފުޅާކޮށް ވަރުގަދަ ކުރުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވަނީ މެދު އިރުމަތީގެ ގިނަ ގައުމުތަކަކަށް ދަތުރުކުރައްވާފަ އެވެ. އަދި އެ އިއްތިހާދުގައި ބައިވެރިވާނެ ކަމަށް އަރަބި 10 ގައުމެއް މިހާރު ވަނީ ބައިވެރިވެފަ އެވެ. ނަމަވެސް ބިމުން ލަޝްކަރުތައް ފޮނުވުމަށް އެއިން އެއްވެސް ގައުމަކުން އަދި އެއްބަސްނުވާ ކަމަށް އެމެރިކާ އިން ވަނީ ބުނެފަ އެވެ.