މާލެ އިން ކ. ކާށިދޫ އާއި ގާފަރަށް ދަތުރުކުރާ ޕްރޮވިންސް ފެރީ ކާށިދު އަށް ގޮސްފި ނަމަ ފެރީ ދަތުރު ކުރުން ހުއްޓުވާނެ ކަމުގެ އިންޒާރު އެ ރަށު ބަޔަކު ދީފައިވާ ކަމަށް ބުނުމުން އެ ރަށަށް މިއަދު ކުރަން އޮތް ދަތުރު ކެންސަލް ކޮށްފި އެވެ.

އެމްޓީސީސީއާ ހަވާލު ކޮށްގެން ހިންގަމުން އަންނަ ފެރީ ދަތުރު ތަވާލުގައިވާ ގޮތުން މާލެއިން ގާފަރަށް އަދި ގާފަރުން ކާށިދު އަށް މިއަދު ފެރީ ދަތުރުކުރަން ޖެހެ އެވެ. ނަމަވެސް މިއަދު ޓިކެޓް ވިއްކާފައި ވަނީ ހަމަ އެކަނި ގާފަރަށް ދާ މީހުނަށެވެ.

އެމްޓީސީސީގެ ބައެއް އޮފިޝަލުން މިއަދު "ސަން" އާ ވާހަކަ ދައްކަމުން ވިދާޅުވީ ފެރީ މިއަދު ކާށިދު އަށް ނުދިއުމަށް ނިންމީ އެ ރަށަށް ގޮސްފި ނަމަ ފެރީ އެނބުރި މާލެ އަޔަނުދީ ހިފައްޓާނެ ކަމަށް ބުނަމުންދާތީ ކަމަށެވެ.

"މިއަދު ހަމަ އެކަނި ދަތުރުކުރާނީ ގާފަރަށް. ގާފަރުން ކާށިދު އަށް ނުދާނެ. އެހެންވެ ޓިކެޓް ވެސް ވިއްކާނީ ހަމަ އެކަނި ގާފަރަށް ދަތުރުކުރާ މީހުނަށް. ކާށިދު އަށް ދަތުރު ނުކުރަން ނިންމީ އެ ފެރީގެ ފެންވަރު ދަށް ވެގެން އެ ފެރީ އެ ރަށް ގޮސްފިއްޔާ ހިފަހައްޓާނެ ކަމަށް ބައެއް މީހުން އިންޒާރު ދޭތީ، " އެމްޓީސީސީގެ އޮފިޝަލަކު ކިޔާދިނެވެ.

ގާފަރަށް އެކަނި ފުރާ ފެރީ 11:00ގައި ފުރުމަށް ހަމަޖެހިފައި ވިޔަސް މާލެ އިން ފުރާފައި ވަނީ 12:45ގަ އެވެ.

މިހާރު ބޭނުންކުރާ ފެރީގައި އޮށޯވެވެން ނުތިބެވޭ އިރު އެމްޓީސީސީގެ އޮފިޝަލް ވިދާޅުވީ އެ ފެރީ ބޭނުން ކުރަނީ ކުރިން ބޭނުން ކުރަމުން އައި ފެރީ އެހަލަން ގެންދިއުމުން ކަމަށެވެ. އަދި މިހާރު ބޭނުން ކުރަމުންދާ ފެރީއަކީ އެކަމަށް ލިބެން އޮތް ހަމައެކަނި ފެރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކުރިން ބޭނުން ކުރަމުން އައި ފެރީ ގެނައުމުން އެ ފެރީ ދަތުރު ކުރަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ އާއި ގާފަރާއި އަދި ކާށިދު އަށް ދަތުރު ކުރާ ޕްރޮވިންސް ފެރީގައި މާލެ އިން ގާފަރަށް ދިއުމަށް ކާށިދޫއާ ދެމެދު ހަ ގަޑިއިރު ދަތުރު ކުރަން ޖެހެ އެވެ. މިހާރު ބޭނުންކުރާ ފެރީގެ ގޮނޑިތަކުގައި އަންހެނުންނަށް ވެސް އަދި ބަލި މީހަކަށް ވެސް އޮށޯވެވެން ނޯވެވޭ އިރު ޝަކުވާ ވަނީ " ފުނިޖެހިފަ" އެވެ. ކުޑަކުދިންނާއި ބަލި މީހުންނާއި އަދި މާބަނޑު މީހުނަށް ހާއްސަ ގޮނޑިތަކެއް އެ ފެރީތަކުގައި ނެތް ކަމުގެ ޝަކުވާ ގާފަރުގެ އަދި ކާށިދޫ ގިނަ ބަޔަކު ކުރަމުންދެ އެވެ.